ބީއެމްއެލްއިން ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައިކުރަން ހުށަހަޅާނީ މި މަހު 28 ވަނަ ދުވަހު ބާސެލޯ ނަސަންދުރައިގައި ބާއްވާ އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ. މައިގަނޑު ހުށައެޅުމަކީ މިހާރު ދޫކޮށްފައިވާ ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމާއި ހިއްސާ ބައިކުރަން ފެނޭތޯ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް އުޅޭނީ ގާތްގަނޑަކަށް 40 ރުފިޔާއާއި 150 ރުފިޔާއާއި ދެމުދުގައި ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ރޭ ވިދާޅުވީ ބީއެމްއެލްގެ ހިއްސާ 1 އިޒްޓު 10 ރޭޝިއޯ އިން ބައިކުރުމުން ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުވެ، ހިއްސާއަކަށްޖެހޭ އަގު ހެޔޮވުމުން ހިއްސާ ގަނެ ވިއްކާ މިންވަރު އިތުރުވެ ފަހި ބަދަލުތަކެއް ހިއްސާގެ ބާޒާރަށް އަންނާނެ ކަމަށެވެ. ހިއްސާ ވިއްކާ އަގުތައް މިހާރު ހުރީމަތީ އަގެއްގައި ހިފަހެއްޓިފައި ކަމަށާއި އެހެންނަމަވެސް ހިއްސާގެ އަގު ކުޑަ ވެއްޖެނަމަ ބެންކުގެ "ގްރޯތު ޕޮޓެންޝަލް" އިތުރުވެގެންދާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
މަނިކު އިތުރަށް ވިދާޅުވީ ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުން ވެސް ބީއެމްއެލްއިން ހިއްސާތަކަށް ގެނައި ފަދަ ބަދަލެއް ގެނައުމަކީ ސީއެމްޑީއޭގެ އެދުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުންފުނިތަކަށް ވެސް ފައިދާވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ލިބުނު ފައިދާއިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 60ރ.ގެ މަގުން، ޖުމްލަ 322.9 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިއީ އެ ބޭންކުގެ ތާރީހުގައި ވެސް ޑިވިޑެންޑުގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;