އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް އެހުން އަންނަ މަހުގެ 4 ވަނަ ދުވަހަށް ތާވަލްކޮށްފައި ވާއިރު އެމްޑީޕީން ގެންދަނީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އަދި ސަރުކާރުން ގެންދަނީ އޭގެ އަނެއްކޮޅަށް ކެމްޕޭން ކުރަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަކްރަމް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށާއި އެއް ކަމަކީ ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވުން ކަމަށެވެ.
ދެވަނަ ކަމަކީ މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އަންނާނީ ވޯޓް ދިން ކެންޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުން ކަމަށްވާއިރު، އެހެންވުމުން މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތްއެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކަސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަދި އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުގެ އަދަދު މަދުވުމުން ކުޑަވެގެން ދާނެ ކަމަށާއި ދެ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް ދެ ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫން ކަމާއި، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މީގެއިތުރުން ރިޔާސީ އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށް މީގެ ކުރިން އެމްޑީޕީގެ ބައެއް ވެރިން ވާހަކަ ދައްކަވާފައި ވިޔަސް މިހާރު އެމްޑީޕީން އެކަމާ ދެކޮޅެވެ.
އެ ޕާޓީން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ގޮތުން ނަގާ ވޯޓު ހުއްޓުވަން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;