އދ. ކުނބުރުދޫއަށް އުފަން، އެ ރަށު ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ އުމުރުން 16 އަހަރުގެ އިބްރާހީމް ޝިފާނަކީ ވެސް މި ހުވަފެން ދެކޭ ހުނަރުވެރި ތަރިއެކެވެ. އެންމެ ތުއްތު އިރުން ފެށިގެން ފުޓްބޯޅައާއެކު ބޮޑުވަމުން އައި ޝިފާންގެ ހިތުގައި ވަނީ މި ކުޅިވަރަށް ހާއްސަ ލޯތްބެއް ޖެހިފަ އެވެ.
ޝިފާން "ސީއެންއެމް" އަށް ބުނީ، ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމަށާއި އެއީ އުފަލާއި ހިތްހަމަޖެހުމުގެ އިހުސާސެއް ކަމަށެވެ. އެހެންކަމުން ފުޓްބޯޅަ ކުޅުމާއި މެޗުތައް ބެލުމާއި، ފުޓްބޯޅައާ ގުޅުންހުރި ކަންކަމުގައި ޝާމިލުވެ އުޅުމަކީ ދިރިއުޅުމުގެ މުހިންމު އެއް ބައިގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.
ޅަ އުމުރުގައި ޝިފާންގެ ފަރާތުން ފެންނަމުންދާ ތަފާތު މޮޅު ކުޅުމަށް ރަށުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުން ވެސް ތައުރީފުކުރެ އެވެ. އުމުރުން ހަގު ނަމަވެސް މިހާރު ޝިފާން އަންނަނީ ރަށުގެ އެންމެ މޮޅެތި ކުޅުންތެރިންނާ އެއް ހަމައެއްގައި ހިފަހައްޓަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ރަށާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުގެ އިތުރުން އެހެނިހެން މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުން ވެސް އޭނާއަށް މިހާރު ފުރުސަތު ލިބެ އެވެ.
ޝިފާން ބުނި ގޮތުގައި އޭނާއަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ތަޖުރިބާއަކީ 2024 ވަނަ އަހަރު ބިސްބުރު އެކަޑެމީގެ ޓީމާއެކު، ތައިލޭންޑްގައި އޮތް ފުޓްބޯޅަ މުބާރާތެއްގައި ވާދަކުރުމެވެ. އެ މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކުރި ޓީމުގައި ރަނގަޅު ކުޅުމެއް ދައްކައި ޓީމަށް ލަނޑުތަކެއް ޖަހައިދެވުނީތީ ވަރަށް ހިތްހަމަޖެހޭ ކަމަށް، އޭރު މުބާރާތްތަކަށް އާ ޝިފާން ބުންޏެވެ.
އަތޮޅުތެރޭގެ މުބާރާތެއްގެ މެޗެއްގެ ތެރެއިން
ޝިފާން ބުނީ އާންމުގޮތެއްގައި މެޗުތަކުގައި ދެއްކޭ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި، ފުޓްބޯޅައިގައި ހަރަކާތްތެރިވާ މީހުންގެ ތައުރީފުން، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ. އަދި މިހާރު ރަށުގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަށް ތަރައްގީކޮށްފައި އޮތުމުން ކުޅުން ރަނގަޅުކުރަން މަސައްކަތްކުރުމަށް ވެސް ފަސޭހަވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ގިނަ މުބާރާތްތަކުގައި ވާދަކޮށް ތަޖުރިބާ ލިބެމުންދާ ވަރަކަށް އިތުރަށް ކުރިއެރުން ހޯދޭނެ ކަމުގައި އޭނާ ގަބޫލުކުރެ އެވެ.
ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝިފާން ވަނީ ދާދި ފަހުން ނިމުނު މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރަށު ޓީމުގައި ހިމެނިގެން ކުޅެފަ އެވެ. އޭގެކުރިން އަތޮޅުތެރޭގެ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތަކުގައި ސްކޫލާއި ރަށް ތަމްސީލުކޮށް، މާލޭގައި ބޭއްވި ޔޫތު މުބާރާތެއްގައި ބިސްބުރު އެކަޑެމީގެ ޓީމާއެކު ވެސް އޭނާ ކުޅެފައިވެ އެވެ. ޝިފާން ފާހަގަކުރި ގޮތުގައި، އޭނާ ފަދަ ހަގު އުމުރުގެ ކުޅުންތެރިޔަކަށް ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކަކީ ވެސް އަމިއްލަ ކުރިއެރުމަށް ލިބޭ ރަނގަޅު ފުރުސަތުތަކެކެވެ.
ފުޓްބޯޅައަށް މިފަދަ ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ހުނަރުވެރި އެހެން ކުދިންނެކޭ އެއްގޮތަށް، ފުޓްބޯޅަ ހަޔާތާ މެދު ޝިފާން ވެސް ދެކޭ ހުވަފެންތަކެއް އެބަހުއްޓެވެ. ޝިފާން ބުނީ ސްކޫލް ނިންމުމަށް ފަހު ފުޓްބޯޅައިގައި އިތުރަށް ކުރިއަށްދިއުމަށް މަސައްކަތްކުރަން ބޭނުންވާ ކަމަށެެވެ. އެގޮތުން، އަމާޒަކީ މި ރޮނގުން އެރެން އޮތް އެންމެ އުހަށް އެރުން ކަމަށާއި، ފުރަތަމަ ބޭނުންވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ޖާގައެއް ހޯދަން ކަމުގައި އޭނާ ފާހަގަކުރި އެވެ. އެއަށްފަހު ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފުރުސަތު ލިބި، ކޮންމެވެސް ދުވަހަކުން ސީނިއާ ގައުމީ ޓީމުގައި ހިމެނުމަކީ ޝިފާން ދެކޭ ފޮނި ހުވަފެނެކެވެ.
ޝިފާން މަންމަ އާއި ބައްޕައާ އެކު ނަގާފައިވާ ފޮޓޯއެއް
ޝިފާންގެ މުސްތަގްބަލާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާގެ ބައްޕަ މަސީހް "ސީއެންއެމް" އަށް ބުނީ، ފުޓްބޯޅައިގައި ކުރިއަށް ދިއުމުގައި ދަރިފުޅަށް އާއިލާގެ ފަރާތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. އަދި ޝިފާން މި ރޮނގުން ކުރިއަށްދާން ބޭނުންވާ ނަމަ އެކަމަށް އާއިލާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން މަސީހް ދިނެވެ.
ޝިފާންގެ މި އުންމީދުތައް އެންމެ ފުރިހަމައަށް ހާސިލްކުރުމަށް ތަފާތު އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެކަން އޭނާއަށް އެނގެ އެވެ. ނަމަވެސް އެ ހުރަސްތައް ގިރާކޮށް ކާމިޔާބީއަށް ވާސިލްވާން ބޭނުންވާނެ ހިތްވަރާއި ޝައުގުވެރިކަން އޭނާގެ ކިބައިގައި އެބަހުއްޓެވެ. ގައުމީ ޖޯޒީގައި ވިދާލުމުގެ ވަރުގަދަ އަޒުމަކާއި އުއްމީދެއް އެބަ އޮތެވެ. އޭނާ ފަދަ ޒުވާން ހުނަރުވެރި ކުދިންނަށް ބޭނުންވަނީ ކުރިއަށްދާނެ ފުރުސަތުތަކެވެ. އެހެންކަމުން ކުޅިވަރާ ބެހޭ ކަންކަމުގައި ޒިންމާވާ ފަރާތްތަކުން މިފަދަ ކުދިންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަކީ ދިވެހި ކުޅިވަރުގެ މުސްތަގްބަލު އުޖަލާ ކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;