ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަޔަކު އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަން ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ހަމައެކަނި ގާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބްރިޖު ދަށުގައި ބަޔަކު ނިދައި، އެތަނުގައި ދިރިއުޅޭ މައްސަލަ ފެންމަތިވީ "ދުވަސް" ނޫހުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި ވީޑިއޯއަކާ އެކު އެވެ.
އެތަނުގައި ބިދޭސީއަކު ނިދަން އޮތް މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ. ބްރިޖު ދަށުގައި ނިދުމަށް އެތަނުގައި އޮތީ ކުނަލާއި ސަތަރި ކަހަލަ ތަކެތި ވެސް އަޅައިފަ އެވެ. އާންމުވެފައިވާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެތަން އޮތީ ކުނިން ވެސް ފުރިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;