ads
ބާ ކައުންސިލްގެ ކުރީގެ ރައީސް މައުމޫން ހަމީދު
ބާ ކައުންސިލަށް އެންގުންތައް އެންގުމުގެ ބާރެއް ޖުޑިޝަރީ ކޮމިޓީއަކަށް ނޯންނާނެ: މައުމޫން ހަމީދު
ބާ ކައުންސިލަކީ އަމިއްލައަށް ކަންކަން އިންތިޒާމުކޮށް ހިންގާ "ސެލްފް ރެގިއުލޭޓިން" މުއައްސަސާއެއް ކަމަށާއި، ތައުލީމީ މިންގަނޑު ކަނޑައެޅުމާ ގުޅޭ އެއްވެސް އެންގުމެއް އެ ކައުންސިލަށް އެންގުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބިގެން ނުވާ ކަމަށް ބާ ކައުންސިލްގެ ފުރަތަމަ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
Advertisement

މައުމޫން ހަމީދު މިހެން ވިދާޅުވީ، ގާނޫނީ ދާއިރާގެ އިމްތިހާނުތައް މަތީ ތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރަން އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި މައުމޫން ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާ ކައުންސިލަކީ ގާނޫނުން ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެއް ކަމަށެވެ. އަދި ގާނޫނީ ތައުލީމުގެ ފެންވަރު ނުވަތަ ގާނޫނީ ވަކީލުކަމުގެ ދާއިރާއަށް ވަނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް އެއްވެސް ކަމެއް އެންގުމުގެ ބާރެއް ޖުޑީޝަރީ ކޮމިޓީއަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މިންގަނޑުތައް ދަށްކުރުމަށް ޖުޑީޝަރީ ކޮމިޓީން ބާ ކައުންސިލަށް އެންގި އެންގުމަކީ ގާނޫނީ ވަކީލުކަމުގެ ދާއިރާގެ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެއީ ގާނޫނީ ތައުލީމުގެ މަތީ މިންގަނޑުތަކަށް އުއްމީދު ކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއްގެ އިތުރުން ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫން ހަމީދުގެ އިތުރުން، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވެސް ވަނީ، މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ސީއެންއެމްއާއި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ، މަޖިލީހުގެ މެމްބަރުންތަކެއް ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވަމުން ދަނިކޮށް، ތިފަދަ ނިންނުމަކަަށް ވޯޓް ދެއްވުމަކީ އެއީ މަޖިލީހުގެ ގަވާއިދާއި ހިލާފްވީކަމަށް ބެލެވޭނެ ޖާގަ އޮންނާނެކަމަށެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ އޮންލައިން ކޯސްތަކުން ލޯ ޑިގްރީ ހާސިލް ކުރައްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ. މީގެއިތުރުން ޖުޑިޝަރީ ކޮމިޓީން މި ނިންމުން ނިންމިއިރު، އެ ނިންމުން ފާސްކުރުމުގައި އޮންލައިންކޮށް ލޯ ޑިގްރީ ހާސިލުކުރައްވަމުން ގެންދަވާ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް