ads
ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު: ވިދާޅުވީ ރާއްޖޭގައި ހަމަޖެހުން ގިނަ ދުވަހަށް ގާއިމުވެ އޮންނާނީ އިންތިހާބުތައް މަދުވުމުން ކަމަށް
އިންތިހާބުތައް މަދުވެގެން، ޑިމޮކްރަސީއަށް ހުރަހެއް ނޭޅޭ: އާޒިމާ
ދިވެހިރާއްޖޭގައި ހަމަޖެހުން ގިނަ ދުވަހަށް ގާއިމުވެ އޮންނާނީ އިންތިހާބުތައް މަދުވުމުން ކަމަށާއި އިންތިހާބުތައް މަދުވެގެން، ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ނެތް ކަމަށް، ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަންނަ މަހު 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގަ އެވެ.

އާޒިމާ ވިދާޅުވީ، މިހާރު މި އޮތް ގާނޫނީ އޮނިގަނޑަށް ބަލައިފިނަމަ ދިވެހީން މި ތިބީ އިންތިހާބުތަކެއް ތެރޭ ކަމަށެވެ.

އެގޮތުން ފަސް އަހަރު ދުވަހުގެ ތެރޭ ތިން އިންތިޚާބެއް ބޭއްވުމަކީ މައްސަލައެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އެއާއެކު، އިންތިހާބުތައް މަދުވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއްގެ ގޮތުގައި އާޒިމާ ގަބޫލެއްނުކުރައްވަ އެވެ.

"ޑިމޮކްރަސީގެ ސުވާލުތޯ މަދުވަނީ، ސުވާލު އަހާ ފަހަރުތޯ މަދުވަނީ؟ އެއްވެސް ހާލެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަޅުގަނޑުގެ ދާއިރާއިން އިންތިހާބުކުރާނީ މިވެނި މީހަކު، އޭގައި އަޅުގަނޑުގެ ސޭއެއް މަދެއްނުވޭ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ރައްޔިތުންނަށް އަބަދު ސަރުކާރުން ވަޒީފާދީގެން ވެރިކަމެއް ހިންގާ ވިސްނުމަކީ ބަދަލުކުރަން ޖެހިފައިއޮތް ވިސްނުމެކެވެ.

'ޕޮލިސީ އެމްވީ"އިން "ސިޔާސަތު ހާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސައީދު ވެސް ވަނީ އާޒިމާ އާއި އެއްކޮޅަށް ވާހަކަދައްކަވާފަ އެވެ. ވިދާޅުވީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ކުރީގެ ބަންޑާރަނައިބުންނާއި ކުރީގެ ރައީސުން ތާއީދުކުރެއްވި ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބާއި ކައުންސިލު އިންތިޚާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން 2020ވަނަ އަހަރުގެ ކުރީކޮޅު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދުކުރެއްވި ކަމަށާއި، މައި ދެ އިންތިޚާބު އެއްކޮށްލަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ މަހެއްހާ ދުވަސް ކުރިން ވެސް ތާއީދުކުރެއްވިކަން ދިޔާނާ ފާހަގަކުރެއްވި އެވެ.

އެގޮތަށް އެ ހުރިހާ ބޭފުޅުން ވެސް ތާއީދުކުރެއްވީ، ދިޔާނާ ވިދާޅުވި ގޮތުގައި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ދުސްތޫރީ މަންފާތަކެއް ލިބޭނެތީ އެވެ.

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަމަހަމަ މަޖިލީހެއް އިންތިހާބުކުރުމަށް އޮތް ފުރުސަތެއް ކަމަށްވެސް، ދިޔާނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ދިޔާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވުމަށްފަހު، އެ މުއްދަތުގައި މަޖިލީހަށް މެންބަރުން ހޮވުމަށް ވެރިކަމުގެ ބާރުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ނިކުތުމުން، ނުފޫޒަށް ރައްޔިތުން ލެނބުމެވެ.

"އެހެންވީމާ ގާނޫނުއަސާސީން އަޅުގަނޑުމެން އަމާޒުކުރާ ބާރުތައް ވަކިވެފައި އޮންނަ މަޖިލީހެއް ލިބުމުގެ ފުރުސަތު އެބައޮވޭ،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާގެ ވާހަކަތަކަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ޕެނަލަ ޑިސްކަޝަންގައި ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް ގާނޫނުއަސާސީއަށް ގެނައީ އެކަށީގެންވާ ބަހުސެއް ނެތި، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ވަރަށް އަވަސްއަރުވާލައިގެން ކަމަށެވެ. އެއްދުވަހު ހުށަހަޅައި، އޭގެ އަނެއް ދުވަހު މި އިސްލާހު ފާސްކުރުމަކީ އިޖުރާއީ ގޮތުންނާއި ދުސްތޫރީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނާއި، ހުރިހާ ބަންޑާރަ ނައިބުން މިއަށް ތާއިދު ކުރެއްވިޔަސް، މިއީ ރަނގަޅު އިސްލާހެއްކަން ދަލީލުކޮށްދޭ ކަމެއް ނޫން،" މި އިސްލާހަށް ކުރީގެ ރައީސުން ތާއިދު ކުރައްވާފައިވާ ކަމަށް ދިޔާނާ ދެއްކެވި ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން އަލީ ހުސައިން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާ އެކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓު ބާއްވާށެވެ. 

އިދިކޮޅު އެމްޑީޕީއިން ދަނީ އެ އިންތިހާބަށް ނޫނެކޭބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;