ބީބީސީއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަވާލާދީ ބުނެފައިވަނީ ދެ ލިޔުމުންނާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއަށް ކުރެއްވި ފޯނު ކޯލެއްގައި ފޯޅަވައްސާމެދު އިނގިރޭސިވިލާތާއި މޮރިޝަސްްގެ މެދުގައި ގާއިމުކޮށްފައިވާ "ފުން ކަންބޮޑުވުންތަކެއް ހުރި" އެއްބަސްވުމާ ދެކޮޅުކަން ދިވެހި ސަރުކާރުން ހާމަކޮށްފައި ވެއެވެ.
އަދި ބީބީސީގެ ރިޕޯޓުގައި ބުނެފައިވަނީ ރައްޖެއިން ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ދައުވާކުރުމާއެކު ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅުތައް މެދުވެރިކޮށް އެ ސަރަހައްދު ރާއްޖެއަށް ހޯދުމަށް މަސައްކަތްކުރާނެކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ މިނިސްޓަރ ސްޓެފަން ޑައުޓީ ވިދާޅުވެފައވަނީ ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅިފައި އޮތް ކަމެއް ކަމަށާއި، އެކަމުގައި ރާއްޖޭގެ ދައުރެއް ނެތް ކަމަަށެވެ.
މޮރިޝަސް އިން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ މަސްލަހަތުގެ ދިފާއުގައި މަސައްކަތް ކުރި އޮފިޝަލުންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފައްދަން ނިންމަވާފައިވާކަން ރައީސް މުއިއްޒު ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އިނގިރޭސިވިލާތުން ހެދި އެއްބަސްވުމަށް ރާއްޖޭން މީގެ ކުރިން ވެސް ދެކޮޅު ހަދައިފައިވާތީ، އިނގިރޭސިވިލާތުން މީގެ ކުރިން ދީފައިވާ ރައްދެއްގައި ވަނީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ ޔޫކޭއާއި މޮރިޝަސް އެކަނި ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސިވިލާތާއި މޮރިޝަސްއިން ހެދި އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ މަރުކަޒު، އެ ގައުމަށް އޮންނާނީ 99 އަހަރަށް ކުއްޔަށް ދީފައެވެ.
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުނީ، 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ ފަހުންނެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެއަށްފަހު، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މޮރިޝަސްއިން ދިޔުމުން، އިޓްލޮސްއިން ވަނީ ކަނޑުގެ އިން ކަނޑައަޅައިފަ އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގަ އެވެ. ޗާގޯސް އެއްބަސްވުމާ ރާއްޖޭން އިއުތިރާޒް ކުރާތީ އެކަމާ ހިތްހަމަނުޖެހި، މޮރިޝަސްއިން މިހާރު ވަނީ ރާއްޖެ އާއެކު އޮންނަ ހާރިޖީ ގުޅުން ސަސްޕެންޑުވެސް ކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;