މިގޮތައް ނިންމާފައިވަނީ އެ ބޭންކުގެ 43ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2025 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާގެ މަގުން ރެކޯޑު އަދަދެއްކަމަށްވާ ޖުމްލަ 322 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާަސްކޮށްފަ އެވެ.
މީގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ވަނީ ފާސްކޮށްފަ އެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާ އެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ.
ބީއެމްއެލް އިން ބުނީ ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހެޅި މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުން ކަމަށެވެ.
ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބިފައި ވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 ޕަސެންޓު ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓްވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިގްތިސާދުގެ މުހިންމު ސިނާއަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
މިއީ ބޭންކުގެ ތާރީހުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ. މީގެ އިތުރުން، ވޭތުވެ ދިޔަ މާލީ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅި، އަދި ކަސްޓަމަރުންގެ ޑިޕޮސިޓް 2024 ވަނަ އަހަރަށްވުރެ 16 ޕަސެންޓު އިތުރުވެފައި ވެއެވެ. މިއީ ބޭންކުގެ ހިދުމަތްތަކަށް އޮތް އިތުބާރާއި ހިދުމަތްތަކުގެ ފަސޭހަކަން ހާމަކޮށްދޭ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;