ads
ފުވައްމުލައް ސިޓީ ކައުންސިލްއާއި ރައީސް ބައްދަލުކުރައްވަނީ - ފައިލް ފޮޓޯ
މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު އާންމުންނަށް ދެނީ!
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ "ރިކޯލް ވޯޓު" ނެގޭ ގޮތް ހެދުމަށް ގާނޫނެއް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

"ސަންގު ޓީވީ"'ން ގެނެސްދިން "އެސްޕްރެސޯ ވިތު ރައީސް" ޕްރޮގްރާމުގައި ރައީސް ރޭ ވިދާޅުވީ، މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ގާނޫނެއްގައި ކަނޑައަޅައި ރައްޔިތުންނަށް ދިނުން، ނުވަތަ ރިކޯލް ވޯޓުގެ ނިޒާމު ހުށަހެޅުމަކީ މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ރިކޯލް ވޯޓުގެ ނިޒާމު ތައާރަފްކުރުމުން، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައި، މަޖިލީހުގެ ތެރޭ ވޯޓު ހަމަކޮށް، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ކަމަށެވެ.

"މާނައަކީ މަޖިލިސް ނުވަތަ ކައުންސިލް މެމްބަރުންގެ ޕާފޯމަންސް ދަށްވީ، ނޫނީ ގާނޫނެއްގައި އޮންނާނެ ކަނޑައަޅާފައި. އެކަންކަން އެމީހުންގެ ކިބައިން ދިޔައީ، އެހާ ހިސާބުން ރައްޔިތުންނަށް ލިބޭނެ ކަނޑައެޅިފައިވާ އަދަދަކަށް ސޮއި ހަމަކޮށްގެން ޕެޓިޝަނެއް ހުށަހަޅައިގެން ވަކި އިންސައްތައެއްގެ ވޯޓު ހަމަ ކޮށްގެން މަގާމުން ދުރުކުރުވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލާ އެކު، ރައްޔިތުންގެ މަޖިލިހާއި ކައުންސިލްތަކާއި ސަރުކާރު ވެސް ހިނގާނީ ވަރަށް ހަރުދަނާކަމާ އެކު ކަމަށެވެ. އަދި އެ ބަދަލުގެ ސަބަބުން ކައުންސިލާއި މަޖިލިސް ވެސް ކުރިއަށް ދާނީ ހަމަހަމަކަމާ އެކު، ޖަވާބުދާރީ ކުރުވޭ އުސޫލަކުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު މީގެކުރިން ވަނީ "ރައީސުލްޖުމްހޫރިއްޔާ" ހިމެނޭ ގޮތަށް ދައުލަތުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންނަށް ލިބެންޖެހޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައްޔިތުންނާ އެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން، ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކޮށް، ޔަގީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް ރާއްޖޭގެ ކަންކަން ބައްޓަންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު ޗެކް އެންޑް ބެލެންސްއެއް ނެތި، އިންތިހާބުވާ ފަރާތްތަކަށް ފަސް އަހަރު ވަންދެން މަގާމުގައި ތިބެވޭ ގޮތަށް އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.  

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑި ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ. 

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ފެހި ގާނޫނުއަސާސީން ތަސައްވުރުކުރި ރާއްޖެ ނުލިބި، ރައްޔިތުންގެ ބާރު ގެއްލުމުގެ ސަބަބުން އަލުން ރައްޔިތުން އެދޭ ރާއްޖެއަށް ދިއުމަށްޓަކައި ރައްޔިތުންގެ ހަރަކާތަކަށް މަގުފަހި ކުރުމެވެ. އިޖުތިމާއީ އަދި ސިޔާސީ ނިޒާމުން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާ ފަސާދައަކީ އާންމުވެފައިވާ އަދި އާދައިގެ ކަމަކަށް ވަމުންދާތީ އެކަން ހުއްޓުވުމަށް ރައްޔިތުން ބާރުވެރި ކުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;