ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު ސަރުކާރުން މިހާރު އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ ވަރަށް ގިނަ ރައްޔިތުން އެދެމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ ތަނަކަށްވާއިރު، ފްލެޓަކީ އަޅާ ނިމުމުން ވަރަށް ފަސޭހައިން ލިބޭނެ ނުވަތަ ދިރިއުޅެން ފެށޭނެ ތަނެއް ކަމަށެވެ.
ގުޅީފަޅާއި ގިރާވަރުފަޅުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރަން އަދިވެސް ދުވަސް ނަގާނެތީ ރައްޔިތުން ކަންބޮޑުވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެހެންވެ، ގޯތި ދޫކޮށް ފްލެޓަށް ކުރިމަތިލުމަށް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވެ އެވެ.
އޭގެ ތެރެއިން ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ވަނީ 698 ގޯތި ދޫކޮށްފަ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަަހަރު މާލެއާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން 27،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ފަށާނެކަން އިއުލާނުކުރައްވާފަ އެވެ. އެގޮތުން، މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށާއި ރަށްތަކުގައި 12،940 ހައުސިން ޔުނިޓު އަޅަން ރައީސް ވަނީ ނިންމަވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;