ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް" އިން ހިންގާ މި މަޝްރޫއަކީ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭ ވަނީ 1,706 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފަ އެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިން ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ އަޅައި ވަނީ މަސައްކަތް ފަށާފަ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމާއި، މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖުގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިން އިމާރާތްކޮށް ދިނުން ހިމެނޭކަމުގައި ވިދާޅުވެފަ އެވެ.
މި ފްލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިމޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;