ފުލުހުން ބުނި ގޮތުގައި މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 9:59 އެހާކަންހާއިރު އެވެ. މި ހާދިސާގައި މަރުވީ ޖަރުމަނުވިލާތުގެ ފިރިހެނެކެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި އުޅަނދެއްގައި ހުރި މީހަކު "ސީއެންއެމް" އަށް ބުނީ، މަރުވީ ބްލޫ ހޮރައިޒަން މޯލްޑިވްސްގެ ސަފާރީއެއްގެ ޑައިވިން ދޯންޏެއްގައި ހުރި ފަތުރުވެރިއެއް ކަމަށެވެ.
އޭނާ ބުނީ ހޮރައިޒަން 3 ގެ ޑައިވިން ދޯނި ފުރަތަމަ ދިޔައީ ފަތުރުވެރިން ގޮވައިގެން ޑައިވްކުރަން ކަމަށެވެ. ޑައިވްކުރުމަށް ފަހު ފެހުރިއްސެއް ތިލަވުމުން އޭގެ ކައިރީގައި ފީނުމަށް ދޯނީގައި ތިބި މީހުން ތައްޔާރުވަމުން ދިޔަ ވަގުތު އެ ފަތުރުވެރިޔާ ދޯނީގެ ފަހަތަށް ފުންމާލީ ކަމަށް އޭނާ ބުންޏެވެ. އަދި އެވަގުތު ދޯނި ފަހަތަށް ޖަހާފައި އޮތުމުން ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހި ވަރަށް ބޮޑަށް ޒަހަމްވި ކަމަށް މައުލޫމާތު ދިން މީހާ ވަނީ ބުނެފަ އެވެ.
އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި އެހެން މީހަކު "ސީއެންއެމް" އަށް ބުނީ ފަތުރުވެރިޔާ ބުރަފަތީގައި ޖެހުމާއެކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެ ހާދިސާ ހިނގުމުން ވަގުތުން ފުލުހުންނަށް ރިޕޯޓްކުރި ކަމަށެެވެ. އަދި ފަތުރުވެރިޔާ މޫދުން ނެގީ ފުލުހުން އެ ސަރަހައްދަށް ދިއުމުން ކަމަށް އޭނާ ބުންޏެވެ.
މި މައްސަލަ ތަހުގީގުކުރަމުން ދާތީ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފަތުރުވެރިން ގޮވައިގެން ފެހުރިހި ބަލަން ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ސައުތު އަރި މެރިން ޕާކް ސަހަރައްދުގައި މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެހެންވެ، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މިދިޔަ އަހަރު ވަނީ ފެހުރިހި ބަލަން ޓޫރިސްޓުން ގޮވައިގެން އެ ސަރަހައްދަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުން ލާޒިމްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;