އެމްޑަބްލިއުއެސްސީ ވުޖޫދަށް އައީ 1995 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހު އެވެ. މި ކުންފުންޏަކީ މާލޭގެ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އުފެއްދި ކުންފުންޏެކެވެ. ޖުމްލަ 60 ހާސް މީހުންގެ އާބާދީއަށް ހިދުމަތް ދިނުމަށް އޭރު ކުންފުނި ހިންގަން ފެށީ އެންމެ 60 މުވައްޒަފުންނާ އެކު އެވެ. ނަމަވެސް އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ފުޅާވެ، އެ ކުންފުނިން މިހާރު ދަނީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
މާލޭގެ އިތުރުން ކުންފުނިން ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރަހައްދުތަކުގެ ތެރޭގައި ކ. ތިލަފުށި، ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށި ވެސް ހިމެނެ އެވެ.
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުން
އެމްޑަބްލިއުއެސްސީން މިދިޔަ އަހަރު ވަނީ މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓު ބަހައްޓައި، ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓާއި 2500 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބަހައްޓާފަ އެވެ. އަދި ހދ. ކުޅުދުއްފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް ބަހައްޓައި، ބޭނުންކުރަން ފަށާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.
މީގެއިތުރުން މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލަން ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ވެސް ނިންމައި ވަގުތީ ގޮތުން ބޭނުންކުރަން ފަށާފައިވެ އެވެ. މިއާއެކު ކޮންމެ ކޮޅަކަށް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން މިހާރު ފޮނުވޭނެ އެވެ.

އެމްޑަބްލިއުއެސްސީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބިލް ދެއްކުމާއި ހިދުމަތަށް އެދުމާއި ބިލުގެ ތަފްސީލާއި ފެން ބޭނުން ކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އަދި މިހާރު ކުރިއަށްދާ ޕްރިޕެއިޑް އަދި ސްމާޓް މީޓަރުގެ އާ ހިދުމަތްތަކުގެ މަސައްކަތް ވެސް ފާހަގަކޮށްލެވެ އެވެ.
ކުންފުނީގެ ހިދުމަތްތަކުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމު ފަރުމާކޮށް ގާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި އެ ކުންފުނިން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި ފެންވަރު ރަނގަޅު ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިއުއެސްސީން ވަނީ މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޖުލްމަ 111 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާފަ އެވެ. މި އަހަރަށް ބަލާއިރު ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، އިތުރު ހަ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ ހަތް މަޝްއޫރުއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުން
ކުންފުނިން ފޯރުކޮށްދޭ އިތުރު ހިދުމަތްތަކަށް ބަލާއިރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކާރުހާނާއިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، ކަރަންޓް ވަޔަރިންއަށް ބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އެ ކުންފުނިން އުފައްދަ އެވެ.
ފާއިތުވި 31 އަހަރުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އެމްޑަބްލިއުއެސްސީއަކީ މިހާރު 1000 އަށް ވުރެ ގިނަ މުވައްޒަފުންނާއެކު ހިންގަމުންދާ، 100 އިންސައްތަ ދިވެހި މެނޭޖްމަންޓެއް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ އަމާޒަކީ މުސްތަގްބަލުގައި ހިދުމަތްތައް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އުފެންދުންތެރި ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;