ރާއްޖެ އިން ކޮވިޑް-19 ފެންނަން ފެށުމާ އެކު ރާއްޖޭގެ ރިސޯޓްތައް ކުރިއަށް އޮތް މަސްތަކުގައި ހުއްޓިގެންދާނެ ކަމަށް ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ކަންވީ ވެސް އެހެންނެވެ. މާޗް މަހު ރާއްޖެ އިން ކޮވިޑް-19 ފުރަތަމަ ފަހަރަށް ފެނިފައި ވާއިރު، އޭޕްރިލް މަހަށް އެޅި އިރު ރާއްޖެ އަށް ފަތުރުވެރިން އައުން ވަނީ ހުއްޓުވާފަ އެވެ. ފަތުރުވެރި ކަމުގެ ސިނާއަތް އެއްކޮށް ހުއްޓިފައިވާއިރު، ރިސޯޓުތަކުގެ ވެރިން އެ ސިނާއަތުގައި މަސައްކަތްކުރަމުން އަންނަ މީހުންނާ މެދު ކަންތައް ކުރި ގޮތާއި މެދު ގިނަ ބައެއްގެ ނުރުހުން އެމީހުންނަށް ވަނީ އަމާޒުވެފަ އެވެ.
ބޮޑެތި ވިޔަފާރިވެރިންނަށް އެ މީހުންގެ ވިޔަފާރި ހުއްޓާލިތާ މަހެއް ވެސް ނުވަނީސް އެމީހުންގެ މުވައްޒަފުންނަށް ދެ މަސް އަދި އެއް މަހުގެ މުސާރަ ނުދެވޭނޭކަމަށް ބުނުމުން އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. ރިސޯޓަކަށް ފަހު ރިސޯޓެއް ބަންދުކުރަން ފަށައި ރިސޯޓް ތަކުގެ މުވައްޒަފުން ނޯ ޕޭ ލީވަށް ފޮނުވާލާ، ވަޒީފާ އިން ވަކިކުރަން ފެށި އެވެ.
ރިސޯޓް ތަކުގެ މުވައްޒަފުންގެ މުސާރަތަށް ކުޑަ ކޮށް ލިޔުން ދީފައި ގެއަށް ފޮނުވާލި އެވެ. އެހެން ނަމެވެސް ފުރަތަމަ ލިބޭ ލިއުމުގައި އަސާސީ މުސާރަ ނުވަތަ މުސާރައިގެ ވަކި އިންސައްތަ އެއް ރިސޯޓް އަލުން ހުޅުވަންދެން ލިބޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ދުވަސް ކޮޅެއް ފަހުން އާ ލިއުމެއް މުވައްޒަފުންނަށް ދިންކަމަށް ވެއެވެ. ބައެއް ރިސޯޓް ތަކުން މުސާރަ ދޭ ގޮތަށް ގެއަށް ފޮނުވާލާފައި ތިބި ސްޓާފުން ވަކި ދުވަހެއް ވަންދެން ތިބޭނީ ނޯ ޕޭ ލީވްގައި ކަމަށް ބުނެ ލިޔުން ފޮނުވަ އެވެ.
ކޮންމެ އަކަސް މި ކަންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބޮޑެތި މަހުޖަނުންނަށް ރައްޔިތުންގެ ނުރުހުން އަމާޒުވެގެންދިޔަ އެވެ. މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ "ބާނީން" ކޮބާތޯ ރައްޔިތުން ސުވާލު ކުރަމުން ދިޔަ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ އަށް މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް (މަޓީ)ން މި ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފު މީހާގެ ހައްގުތައް ހިފޭއްޓުމަށް ކޮށްދޭނީ ކޮން ކަމެއްތޯ ސުވާލުކުރަމުން ދިޔަ އެވެ.
މަޓީން ކޮވިޑް-19 ގެ ސަބަބުން ދިވެހި ފަތުރުވެރިކަމަށް ކުރާނެ އަސަރުތަކުގެ ދިރާސާކޮށް އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރެވުނު ކަމަށް ބުންޏެވެ. އެއާ އެކު އެތައް ބައެއްގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ހުޅުވިގެން ދިޔައެވެ. އަދި ސަރުކާރުން ވިޔަފާރިތަކަށް ދޫކުރަން ނިންމި ސްޓިމިއުލަސް ޕްކޭޖްތަކުގެ ސަބަބުން އާންމު މީހާއަށް ބަނޑަށް ނުޖެހި ހަރަދުތައް ބަލަަހައްޓައިގެން އުޅެވޭނެ ކަމުގެ އުންމީދު ލިބިގެން ދިޔައެވެ.
އެހެންނަމަވެސް މީގެ ދެދުވަސް ކުރިން މަޓީ އިން ނެރުނު ބަޔާނާ އެކު އަނެއްކާވެސް އާންމުންގެ ނުރުހުން މަޓީއަށް އަމާޒުވެގެން ދިޔަ އެވެ. މަޓީ އިން ކުރިން ހެދީ ދޮގުތޯ ސުވާލު އުފައްދަން ފެށިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މައްސަލަތަކާއި މެދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުން ހާސިލްވީ ކޮން ކަމެއްތޯ ރައްޔިތުން ސުވާލުކުރަމުން ދިޔަ އެވެ.
ރިސޯޓުތަކުގެ މުއްސަނދި އޯނަރުން، އެމީހުންގެ މުވައްޒަފުންނާ މެދު ހިތުހުރި ގޮތަކަށް އަމަލު ކުރަމުން ގެންދިޔަ އިރު އެއްވެސް ކަމެއް ކޮށްނުދީ ރިސޯޓު އޯޯނަރުންގެ ދިފާއުގައި މަޓީން މަސައްކަތް ކުރަމުންދާ ކަމަށް މީހުން ބައެއް ފަރާތަކުން ދަނީ މަޓީއަށް ފާޑު ކިޔަމުންނެވެ.
އަދި ސަރުކާރުން ދޭން ނިންމި ސްޓިމިއުލަސް ޕެކޭޖް އާ ގުޅޭ ގޮތުން މަޓީ އާ އެކު ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ބުނުމުން ރިސޯޓްތަކުން މުވައްޒަފުންނާ މެދު އެގޮތަށް ކަންތައް ކޮށްފައި ވަނީ މަޓީ އާއި ސަރުކާރާ އެކު މަޝްވަރާތައް ކޮށްފައިތޯ ގިނަ ބަޔަކު ސުވާލުކުރަންފެށި އެވެ.
ސަރުކާރުން ސްޓިމިއުލަސް ޕެކޭޖް ދިނުމަށް ނިންމާފައިވާ ޝަރުތުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ވިޔަފަރިވެރިންނަށް އެ ޕެކޭޖުތައް ނުލިބޭކަމަށް މަޓީ އިން ބުނުމުން އެކަމުން ވެސް ދޭހަވަނީ މަޓީން މަސައްކަތްކުރަނީ ވިޔަފާރިވެރިންގެ ފައިދާއަށް އެކަނިކަން ހާމަވެގެން ދާކަމަށް ސޯޝަލް މީޑިއާގައި ބުނެއެވެ. އަދި ޕެކޭޖުތަކަށް ޝަރުތު ހަމަނުވާނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް، ގަދަކަމުން ނޯޕޭއަށް ފޮނުވާލާ ވަޒީފާއިން ވަކިކުރި މީހުންކަމަށް ފާހަގަކޮށް ގިނަ ރިސޯޓް މުވައްޒަފުން ވަނީ ރިސޯޓް ވެރިންނަށާއި މަޓީއަށް ފާޑު ކިޔާފަ އެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފެށުނީއްސުރެ އެސިނާއަތިގައި ރިސޯޓުތައް ހިންގަމުން އައި މުއްސަނދި ވިޔަފާރި ވެރިން މަސް ދުވަހުގެ ތެރޭގައި ފަގީރުވެގެން ދިޔައީތޯ ވެސް ސުވާލު އުފައްދަ އެވެ. ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުންތައް މަޓީއަށް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވެސް ނުރުހުމުގެ ބަސްތައް ވަނީ މަޓީއަށް އަމާޒުކޮށްފަ އެވެ.
ހަމަ ގައިމުވެސް މަޓީގެ ފަރާތުން ބަޔަކާ މަޝްވަރާކުރެވުނު ކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެބައްދަލުވުން ތަކުގައި ޕެކޭޖް ތަކުގެ އަދަދު މަދު ވާހަކަވެސް ދެކެވިފައި ވާކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރުކާރުން ވިޔަފާރިތަކަށް އެހީތެރިވާއިރު، އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ވަޒީފާތައް ހިފެހެއްޓުމަށްކަމަށް މިނިސްޓަރު ފާހަގަކޮށްފައެވެ.
ސަރުކާރުގެ ރޭވުންތައް މަޓީއާ ހިއްސާކޮށްފައިވާއިރު މަޓީން ސަރުކާރުގެ ނިންމުން ގޯސްކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާއިރު އުފެދޭ ސުވާލަކީ ޒަމާނުންސުރެ ކުރަމުން އައި ރިސޯޓް ވިޔަފާރި އެންމެ ދެތިން މަހަށް ބަންދުވި އިރު ރިސޯޓުން ޑޮލަރު ހޯދައިދިނުމުގެ އެންމެ ބޮޑު ބުރައެއް އުފުލި މުވައްޒަފު މީހާއަށް ހަމަ މުސާރަ އިތުރު މަހަކަށް ދެވޭނެ ފަދަވެރިކަމެއް ނެތް ބާއްވަ އެވެ.
މި ހާލަތަށް ދިވެހި ރިސޯޓް އޯނަރުން ދިޔަ ނަމަވެސް ރާއްޖޭގައި ރިސޯޓް ހިންގާ ބިދޭސީ އޯނަރުންގެ ދީލަތިކަން ވަނީ އިންތިހާއަށް ބޮޑެވެ. މުވައްޒަފުންނަށް ހަމަ މުސާރަ ދިނުމުގެ އިތުރުން ގައުމަށް ދިމާވެފައިވާ އިގުތިސަދީ ނިކަމެތިކަމުން ގައުމު ސަލާމަތް ކުރުމަށް އެ މީހުން ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. ނަމަވެސް އެ ރީތި ސިފަ އާއި ގައުމީ ވާޖިބު ދިވެހި އޯނަރުންނަށް ނުފެންނަ ފަދަ އެވެ. ނަމަވެސް މިއީ އެ އޯނަރުންގެ ތަނަވަސްކަން ހުރި މިންވަރަށް ވުރެ އެމީހުންގެ ވިސްނުން އެހެން ދިމާލެއްގައި ގަރަގުވެފައި ހުރުން ފަދަ ކަމަކަން ނުވާނެ ބާއްވަ އެވެ.