ads
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް - ފޮޓޯ: ދައުރު
މި ފެށުނީ ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް: ފައްޔާޒު
އިއްޔެ ކުރިއަށްދިޔަ އިންތިހާބުތަކުގެ ނަތީޖާތަކަކީ ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތުގެ ފެށުން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެ ބޭއްވި އިންތިހާބުތަކުގެ ނަތީޖާތަކަށް ބަލާއިރު ވެރިކަންކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފަ އެވެ. އެގޮތުން ހުރިހާ ސިޓީއެއްގެ މޭޔަރު ގޮނޑި ވެސް އިދިކޮޅު އެމްޑީޕީން ކާމިޔާބުކުރި އިރު، ރިޔާސީ އިންތިހާބާއި ރައްޔަތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޮޑު އިންސައްތައެއް ވަނީ ނޫނެކޭ ބުނެފަ އެވެ.

އިންތިހާބުތަކުގެ ވަގުތީ ނަތީޖާތައް ރޭ އިއުލާނުކުރަން ފެށުމާއެކު ފައްޔާޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބުގައި ކާމިޔާބު ހޯދި އެމްޑީޕީގެ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެންބަރުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ފައްޔާޒް ވިދާޅުވީ މި ކާމިޔާބީގެ އަސްލަކީ އެމްޑީޕީގެ ހިތްވަރުގަދަ އާންމު މެންބަރުން ކަމަށެވެ. އަދި މިކަމުގައި އެއް އަމާޒަކަށް މަސައްކަތްކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެ ޕާޓީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ އަދި ޕާޓީގެ ލީޑާޝިޕަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ އިއްޔެގެ ވޯޓުން ދިވެހި ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސާފުކޮށް ނޫނެކޭ ބުނެފައިވާ ކަމަށާއި، މިއީ ބާރުތައް މަސްހުނިކުރުމާއި، އިގްތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް ކަމަށެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ރައްޔިތުންގެ އަޑު އުފުލައި، މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް. ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މި ފެށުނީ." ފައްޔާޒް ވިދާޅުވި އެވެ.

އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވުމާއެކު، ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި، އިއްޔެގެ އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 294876 މީހުންގެ ތެރެއިން 214898 މީހުން ވަނީ ވޯޓު ލާފަ އެވެ. މިއީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 އިންސައްތަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;