ޕާކިސްތާނުން ރާއްޖެއަށް ގަސްތަކެއް ހަދިޔާކުރަން ނިންމާފައިވަނީ ރައީސް މުއިއްޒު ފައްޓަވާފައިވާ ފަސް މިލިއަން ގަސް މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. އެގޮތުން 100,000 ޒައިތޫނި ގަހުގެ ކުރި ރާއްޖެއަށް ހަދިޔާކުރުމަށް ޕާކިސްތާނުން ނިންމާފައިވާކަމަށެވެ.
އޭގެއިތުރުން އެކި ބާވަތްބާވަތުގެ 100,000 މުޑުވައް ހަދިޔާކުރުމަށް ޕާކިސްތާނުން ނިންމާފައިކަމަށް ވެސް ދިވެހި ސަރުކާރުން ބުނެ އެވެ.
ޕާކިސްތާނު މި ގަސްތައް ހަދިޔާކުރަން ނިންމާ މިކަން އިއުލާންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ޒިޔާރަތުގެ ތެރެެއިންނެވެ.
ރައީސްގެ ދެ ކަނބަލުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ޒިޔާރަތް ނިންމާލެއްވުމަށްފަހު މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ރާއްޖެއާ ޕާކިސްތާނާ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ބަދަލުކުރެވުނެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްވެސް ދެ ޤައުމުން ވަނީ ޢަޒުމް ކަނޑައަޅާފަ އެވެ.
މީގެ އިތުރުން، ޤައުމީ އެއަރލައިން، މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ނިންމިކަން ދިވެހި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ގުޅުން ހަރުދަނާވެ، ވިޔަފާރިއާއި ފަތުރުވެރިކަމަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ސަރުކާރުން ބުނެ އެވެ.