މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހާއްސަކޮށް ތައްޔާރުކުރި "މާލޭ ޓެކްސީ" އެޕް ހެދުމުގައި ކޮރަޕްޝަނަށް އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބަލަން ރައްޔިތުން މަޖިލިހަށް ހުށައަޅައިފިއެވެ.

Advertisement
ޓެކްސީ އެފްް ހެދުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާކަމުގެ ތުހުމަތު ވަނީ ސޯޝަލް މީޑިއާގައި ވަނީ އާޢްމުވެފައެވެ. އެގޮތުން ޓެކްސީ އެޕް ހަދަން އެއްވެސް ބީލަމަކާއި ނުލާ ދިން ކުންްފުނި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ހެދުމުގެ ތަޖުރިބާ ނެތް ކުންފުންޏެއްކަމަށްވަނީ ބުނެފައެވެ. އަދި އެ ކުންްފުންޏަކީ އެމްޓީސީސީގެ ވެރިންނާއި ފުލުހުނގެ ބައެއްް މީހުންނާއި ގުޅުން އޮތް ކުންފުންޏެއްކަމަށް ވަނީ ބުނެފައެވެ.
މަޖިލީހުން މި މައްސަލަ ބަލާދިނުމަށް މަޖިލިހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ. އޭނާ ހުށައެޅުއްވި ހުށައެޅުމުގައި ވަނީ ޓެކްސީ އެޕް ތައްޔާރު ކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް މަޖިލީހުން ބަލައިދިނުމަށެވެ.
ކުޑޫ ވަނީ އެކަމާއި ގުޅިގެން ޖަވާބު ހޯދުމަށް އެދޭ ސުވާލުތައްވެސް މަޖިލިހަށް ހުށައަޅުއްވާފައެވެ.
އެގޮތުން ބީލަން ހުށަހަޅާފައިވަނީ ހަމައެކަނި ދައުވަތު ދިން ފަރާތްތަކަށް އެކަނި ކަމަށް ފާހަގަ ކުރެވޭތީ އެގޮތަށް ނިންމި ސަބަބާއި އެ ބީލަމުގައި ބައިވެރިވުމަށް ދައުވަތު ދިނީ ކޮން ކުންފުނިތަަކަކަށްތޯ އާއި އެ ކުންފުނިތައް ހޮވުމުގައި ބަލާފައިވާ މިންގަނޑުތަކަކީ ކޮބައިތޯ އޮޅުންފިލުވުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން އެ މަސައްކަތް ހަވާލުކުރެވުނު ފަރާތަކީ އެފަދަ މަސައްކަތެއް ކުރިން ކޮށްފައިވާ ފަރާތެއްތޯ އާއި އެ ފަރާތުން އެފަދަ ލިޔުމެއް ހުށަހަޅާފައިވާ ނަމަ، އެ ލިޔުމެއް މަޖިލީހަށް ހިއްސާކުރަންވެސް ކުޑޫވަނީ އެދިފައެވެ. އަދި އެ މަސައްކަތުގައި އެމްޓީސީސީގެ އައިޓީ ޑިޕާޓްމަންޓުގެ އެއްވެސް މީހަކު ބައިވެރިވިތޯ އާއި ބައިވެރިވިނަމަ އެއީ ކާކުތޯ ސާފުކޮށްދިނުމަށްވެސް ކުޑޫގެ ސިޓީގައި ވަނީ އެދިފައެވެ.
ސާފުކުރަން ކުޑޫ އެދިފައިވާ ބައެއް ސުވާލުތައް
- އެ މައްސަލާގައި ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕޮލިސީތަކުގައި ބަޔާންކުރާ ކަންކަން ފުރިހަމަކޮށްފައިވާ ނަމަ އެކަމުގެ ތަފްސީލު.
- ޓެންޑާ އުސޫލުން ގަންނަ މުދަލުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީ ބުނާގޮތުން އޮނަހިރި އަދަދެއްގެ މެމްބަރުންގެ ހިމެނޭ ޓެންޑާ އިވެލުއޭޝަން ކޮމިޓީއެއް އެކުލަވާލަން ލާޒިމް ކުރާއިރު، އެ މައްސަލާގައި އިވެލުއޭޝަން ހެދީ ޕޮލިސީގައި ބަޔާންކުރާ ކޮމެޓީއަކުން ނޫން ކަމަށް މައުލޫމާތު ލިބޭތީ އެ އުސޫލުން ބޭރުން އެކުލަވާލި ކޮމިޓީއަކީ ކުންފުނީގެ ކޮން ފަރާތަކުން ހުއްދަދީގެން އެކުލަވާލި ކޮމެޓީއެއްތޯ ސާފުކުރުން.
- 13 މިލިއަން ރުފިޔާގެ އެ ޓެންޑާއަކީ ޓެކްނިކަލް ޓެންޑާއެއް ކަމަށްވީއިރު އާންމު އުސޫލުގެ ދަށުން މައި ޓެންޑާ ކޮމިޓީގައި އެކަމުގެ ތަޖުރިބާ ނެތް ކަމަށްވާނަމަ، ޓެންޑާގެ ޓެކްނިކަލް ބައި އިވެލުއޭޓް ކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލުމަކީ ކުރަމުންދިޔަ ކަމެއް ކަމަށްވާތީ އާއި މައި ކޮމިޓީގެ އިވެލުއޭޝަން ނިންމާނީ ސަބްކޮމިޓީގެ ލަފާއަށް ރިއާޔަތް ކުރުމަށްފަހު ކަމަށްވާތީ އެ މައްސަލާގައި އަމަލުކުރީ އެގޮތަށް ކަމަށްވާނަމަ، އެކަން ސާބިތުވާ ލިޔެކިޔުންތައް މަޖިލީހަށް ހިއްސާކުރުން.
- ކުންފުންޏަށް ބޭނުންވާ މުދާ ހޯދުމަށް ސަޕްލަޔަރުންނަށް އިންކުއަރީ ފޮނުވަނީ ހަމައެކަނި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތަކަށް ކަމަށްވާތީ އިންކުއަރީ ފޮނުވި ތާރީހުގައި ދައުވަތު ފޮނުވި ސަޕްލަޔަރުންނާއި ކުންފުނީގެ ސަޕްލަޔަރުންގެ ދަފްތަރު އެއްކުރެވުނު ތާރިހު ވަކިވަކިން އެނގޭ ގޮތަށް ހޯދުން.
- ޓެންޑާ އެވޯޑުކުރި ކުންފުންޏަކީ އެ ޓެންޑަރުގެ ސްކޯޕްގައި ބަޔާންކޮށްފައިވާ ކަންކަން އެއްވެސް ކުރިން ކޮށްފައިވާ އަދި އެކަމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއްކަން ސާބިތުވާ ހެކި ހިއްސާކުރުން.
- އަލުން އާ އެޕެއް ހެދުމަށް ނިންމާފައިވަނީ ކުންފުނީގެ މެނޭޖްމަންޓުންތޯ ނުވަތަ ބޯޑުންކަމުގައިވާ ނަމަ، އެ ނިންމުން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ ހިއްސާކުރުން.
އެމްޓީސީސީއަކި ސަރުކާރުގެ ކުންފުންޏަކަށް ވެފައި، މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި އެފަދަ މަސައްކަތެއް ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރުމަކީ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލަ ވީ އެންމެ އަވަހަކަށް ބަލައި ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.