ބޮލީވުޑްގެ މަގުބޫލު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއަށް ދެވަނަ ފިރިހެން ކުއްޖަކު ލިބިގެން، މި އުފާވެރި ހަބަރު ސޯނަމް ސޯޝަލް މީޑިއާގައި ހިއްސާކުރީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. އުމުރުން 40 އަހަރުގެ ސޯނަމް ބުނި ގޮތުގައި އާ މެންބަރަކު އާއިލާއާ ގުޅުމުން އާއިލާއަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ. އަދި އެ ދެމަފިރިންގެ ދޮށީ ދަރިފުޅު ވާއު ވެސް ހުރީ ކޮއްކޮއަކު ލިބުމުން ވަރަށް އުފަލުން ކަމަށް އޭނާ ބުންޏެވެ.
ދަރިފުޅު އުފަންވި ފަހުން ސޯނަމް ވަނީ ހޮސްޕިޓަލުގައި ދަރިފުޅާއެކު ނަގާފައިވާ ފުރަތަމަ ފޮޓޯ އިންސްޓަގްރާމްގައި އާންމުކޮށްފައެވެ. މި ފޮޓޯއާއެކު އޭނާ ވަނީ ދަރިފުޅު އުފަންވި އިންޑިއާގެ މުމްބާއީގައި ހުންނަ ސާ އެޗްއެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ސޯނަމް ބުނީ ހޮސްޕިޓަލުން ލިބުނު ހިދުމަތްތަކާއި މުވައްޒަފުން ބެހެއްޓި އޯގާތެރިކަމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ.
މީގެ އިތުރުން ސޯނަމް ވަނީ އެ ހޮސްޕިޓަލުގައި އެފަދަ ފުރިހަމަ މާހައުލެއް ގާއިމުކޮށްދެއްވާފައިވާތީ ނީތާ އަމްބާނީއަށް ވެސް ޝުކުރު އަދާކޮށްފައެވެ. ސޯނަމް ބުނި ގޮތުގައި ހޮސްޕިޓަލަކުން މިފަދަ ލޯތްބާއި އަޅާލުން ލިބުމަކީ އަބަދު އުއްމީދު ކުރެވޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެތަނުން ލިބުނު ތަޖުރިބާ ވަރަށް މުހިންމު ކަމަށެވެ. ސޯނަމްގެ މި ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ފޭނުން އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
ސޯނަމް އާއި އާނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. އެ ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ވާއު ލިބުނީ 2022 ވަނަ އަހަރުއެވެ. ދެވަނަ ދަރިފުޅު ލިބެން އުޅޭކަން ސޯނަމް އިއުލާން ކުރީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ދަރިފުޅު ލިބުމާ ގުޅިގެން ސޯނަމް ބުނީ ހަތަރު މީހުންގެ އާއިލާއެއްގެ ގޮތުގައި އާ ދިރިއުޅުމެއް ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;