ads
ހުރާގައި ރޯވި ގެ - ފޮޓޯ: އެންޑީއެމްއޭ
ރޯވީ ފޯނު ހޫނުވެގެން، އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން
ރޭ ދަންވަރު ކ. ހުރާގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ފޯނެއްގައި ހުޅު ހިފައިގެންކަން އެނގިފައިވާ ކަމަށް ހުރާ ކައުންސިލުން ބުނެފި އެވެ.
Advertisement

ހުރާގައި ހިނގި މި އަލިފާނުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 01:18 ހާއިރު އެވެ. އަލިފާން ރޯވެފައިވަނީ އެރަށު "ނޫފަރު" ގޭގަ އެވެ.

މި ހާދިސާއާ ބެހޭގޮތުން ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު "ސީއެންއެމް" އަށް ވިދާޅުވީ، އަލިފާން ރޯވީ އެ ކޮޓަރީގައި އޮތް ފޯނެއް ހޫނުވެ އޭގައި ހުޅު ހިފައިގެން ކަމަށާއި، އެ ވަގުތު އެ ތަނުގައި އަންހެނަކާއި އޭނާގެ ދެ ދަރަން ނިދާފައި ތިބި ކަމަށެވެ. އަދި އަންހެން މީހާއަށް ހޫނު ވާތީ ހޭލެވުނު އިރު ފޯނު ބާއްވާފައި އޮތް ބާލީހުގައި ރޯވެފައިވާ ކަމަށް އީސަ ވިދާޅުވި އެވެ. އެވަގުތު އެގޭ އިތުރު މީހަކު އެތެރެއަށް ވަދެ، ނިދާފައި ތިބި ދެ ކުދިން ބޭރަށް ނެރެ ސަލާމަތްކުރި ކަމަށް އޭނާ މައުލޫމާތުދެއްވި އެވެ.

"ހޫނުވެގެން ހޭލެވުނު އިރު ކައިރީގަ އޮތް ބާލީހުގަ ހުޅު ހިފާފަ އޮތް ކަމަށް ވަނީ، ފޯނު ބާއްވާފަ އޮތް ބާލީހުގަ. ދެން އޭނަ ނުކުމެފަ ކޮއްކޮ ކޮޓަރީގަ ޓަކި ދިނީމަ ހޭލީ. ދެން އެ މީހުންނަށް ކުދިން ހަމަ ނެރެވޭވަރުވީ، ކުދިން ނެރެފަ ދެން ބެލި އިރު އެނދުގަ އެއްކޮށް ހުޅު ހިފައިފި." އީސަ ކިޔައިދިނެވެ.

އީސަ ވިދާޅުވީ އެގޭގައި އަލިފާން ރޯވުމާއެކު ރައްޔަތުން ނުކުމެ ވަގުތުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި، ގިނަ ބައެއްގެ ބައިވެރިވުމާއެކު، ގޭގެއިން ފެން ހޮޅި ނެރެގެން ގަޑިއިރެއްހާއިރު ތެރޭގައި އަލިފާން ނިއްވާލެވުނު ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެހީތެރިކަން އީސަ ވަނީ ފާހަގަކުރައްވާފަ އެވެ.

"ރަށު މީހުން ނުކުމެ ވަރަށް އަވަހަށް ނިއްވާލައިފި. އަޅުގަނޑުމެން ހަމަ ފަޔަރ ޕަމްޕެއް ވެސް ނުލާ ގޭގޭގަ ހުރި ފެން ހޮޅިތައް ބޭނުންކޮށްގެން ނިއްވާލީ. އަސްލު ފުރާޅުގެ މަތީގަ މި އިންނަ މަތި ވަޑާންގަނޑުގައި އަލިފާން ނުހިފާ. އެ ހިސާބު ހުޅު ހިފި ނަމަ ނިއްވައެއް ނުލެވުނީސް." އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި، އެ ގޭގެ ފުރާޅުން ޓިނު ނަގައިގެން އެތެރެއަށް ފެން ޖަހައިގެން އަލިފާން ނިއްވާލި އިރު، އެ ކޮޓަރި އާއި ސިޓިންރޫމް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ.

your imageހުރާގައި ރޯވި ގެ - ފޮޓޯ: އެންޑީއެމްއޭ

އަލިފާނުގެ ހާދިސާގައި އަނިޔާވި އަންހެން މީހާގެ އަތް ފިހިފައިވީ ނަމަވެސް، އޭނާއަށް ބޮޑަށް ގެއްލުން ލިބިފައިވަނީ ނަފްސާނީ ގޮތުން ކަމަށް އީސަ ވިދާޅުވި އެވެ. އެގޮތުން، އޭނާއަށް ލިބުނު ކުއްލި ޝޮކާ ގުޅިގެން ވާހަކަ ނުދެއްކޭތީ ހުރާ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެންސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށާއި، މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އީސަ މައުލޫމާތުދެއްވި އެވެ.

"މިހާރު އޭނަ ވާހަކަދައްކާ ހަދާ، އޭރު ދެން އޭނައަށް ވީނުވީއެއްވެސް ކިޔާދޭކަށް ނޭނގެ. މިހާރު މާލެ ގެންދިޔަ ފަހުން ދެން ރަނގަޅޭ ބުނެވޭނީ. މި ވީ ގޮތާ ބަލާފަ މިހާރު ކަންކަން ރަނގަޅުވަމުން ދަނީ މަޑުމަޑުން." އީސަ ވިދާޅުވި އެވެ.

އީސަ އިތުރަށް ވިދާޅުވީ، ފުލުހުންގެ ތަހުގީގަށް ރޯވި ގެ ބަލަމުންދާތީ އެ ގޭތެރެ ސާފު ކުރުމުގެ މަސައްކަތް އަދި ނުފެށޭ ކަމަށެވެ.

މި ހާދިސާ ހިނގި ގޭގައި ދިރިއުޅުނު 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ހުރާ ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ. އެގޮތުން ކައުންސިލް މެދުވެރިކޮށް އެ މީހުންނަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ކަންކަން ހަމަޖައްސައިދީފަ އެވެ. ކައުންސިލުން ބުނީ އެ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;