މޮރިޝަސްއަށް ފޯޅަވަހި ދިނުމުގެ އެއްބަސްވުން މަޑުޖައްސައިލީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކަމަށް ރަސްމީ ހުއްދަ ނުދިނުމުންނެވެ. ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނާތީ، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއަށް ދިނުމާ މެދު ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ފޯޅަވަހި ހިމެނޭ ޗާގޯސް އަތޮޅުގެ މައްޗަށް އޮތް އިސްތިއުމާރީ ބާރު ދޫކޮށްލައި އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް އިނގިރޭސިވިލާތުން ނިންމައި، އެކަން ވަނީ މިދިޔަ ހަފުތާގައި މަޑުޖައްސާލައިފަ އެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޗާގޯސްގެ މުސްތަގްބަލާއި އެތަން ހިންގުމާ މެދު ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ނިންމުމަކީ އެކަމާ ގުޅޭ މަޝްވަރާތައް އާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރާއްޖެއިން ބުންޏެވެ.
އެ ބަޔާނުގައިވަނީ ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކޮށް، ސަރަހައްދީ ހަމަޖެހުމަށް އިސްކަންދީ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް އިންޑިއާ ކަނޑުގެ ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތަށް ގޮވާލާ ކަމަށެވެ.
ދެކުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ވައުދުވެވަޑައިގަތުމުގެ އިތުރަށް ޗާގޯސްގެ ރަށްތައް ވެސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ބަޔާންކުރައްވައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށާއި، މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުންނެވެ.
ޗާގޯސްގެ މައްސަލައިގައި ހިޔާލުތަފާތުވުން ބޮޑުވެ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;