މާދަމާގެ ޖަލްސާގައި ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ ނ. ގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ވެރިކަން ކުރާ ޕާޓީ ނޫން ދެން އެންމެ ގިނަ މެންބަރުން އެކުލެވޭ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. އެހެންކަމުން މިހާރު މަޖިލިސް އެތުރިފައިވާ ގޮތުން މާދަމާ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އެއީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވާފައިވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
ކޮންމެ އަހަރެއްގައިވެސް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ޤައުމުގެ ޙާލަތު ބަޔާންކޮށްދެއްވައި، އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެއްވުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އިއްވެވުމަކީ، ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ލާޒިމުކުރާ ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;