ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަށް އަންގަވައިފިއެވެ.
Advertisement

މިގޮތަށް އަންގާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ހިންގުމުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މުވަޒަފުން މަދުކުރަން ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ފިނޭންސް އިން ވަނީ ޕީސީބީއަށް އަންގާފައެވެ.

އިއްޔެ ފިނޭންސް މިނިސްޓަރު ޒަމީރު ޕީ.ސީ.ބީގެ ރައީސް މުހައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ. 

މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި، ހަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ. 

މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް ފީނޭންސް މިނިސްޓްރީން ބުނެއެވެ. 

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.

 

މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމަށް ޕީ.ސީ.ބީ އަށް މިނިސްޓަރު ޒަމީރު ވަނީ އަންގާފައެވެ. އަދި މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ. 

މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ހަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެކެވެ. ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިހްތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;