ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ކަނޑަޅާފައި އޮންނަނީ، އެންމެ އިންސާފުވެރި އަދި ހަމަޖެހޭ އުސޫލަކަށް ނޫން ކަމަށް ރައްޔިތުން ގަބޫލުކުރެ އެވެ. އެ ފައިސާ ލިބޭ ޕާޓީތަކުން، ހޭދަކުރާ ގޮތާ ގުޅޭ ގޮތުން ވެސް ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އަދި ވަކިން ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ހިންގުންތެރިން އައްޔަނުކުރުމާއި ވަކިކުރުމުގައި އެތެރޭގެ ކޯޅުން ބޮޑުވެ އާންމު މެންބަރުންގެ ބައިވެރިވުން ކުޑަވެ "ހާޖާނު" އުފެދޭތީ އެކަމުގެ ގެއްލުން ސިޔާސީ ޕާޓީތައް ހިންގުމުގައި އަންނަނީ ކުރިމަތިވަމުން ނެވެ.

Advertisement
މިކަންކަން އިސްލާހްކޮށް ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގޮވާލާ އެދޭ ރާއްޖެ ހަރަކާތުން ވަނީ ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ބައެއް ބަދަލުތައް ގެނެސް ގާނޫނު އަސާސީ އަށް ބަދަލުތަކެއް ގެނައުމަށް ގޮވާލާފަ އެވެ.
އެގޮތުން ދިވެހި ދައުލަތުގެ ބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ކަށަވަރުކޮށް، އަދުލުވެރި ދައުލަތެއް ބިނާކޮށް ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ހަމަ އާއި އިންސާފުން ބޭރުން، ގޮތް ނިންމަށް ފުރުސަތު ނެތްކަމީ ހަގީގަތެއްކަން ގަބޫލު ކުރަން މަޖުބޫރުވާ މިންވަރެއްގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް "ސިޔާސީ ޕާޓީގެ އިސްލާހަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:
ހުށައެޅުން
- ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ވުމާ އެކު ލީޑަ ޝިޕާ މެދު ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ފުރުސަތު ހޯދުމަށް
ނަތީޖާ
- ސިޔާސީ ޕާޓީ ހަރަކާތް ހިންގުން ހަރުދަނާ ވެފައިވާ މިންވަރަށް ބަލާއިރު ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އުސޫލުންތޯ ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީގެ އެންމެ އިސް މަސްލަހަތަކީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ވުމުން ޕާޓީ ހިންގާ މީހުން ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެމްބަރުންކަން ކަށަވަރު ކުރެވި، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ސިޔާސީ ޕާޓީތަކުން ޖާގަ ލިބުން
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ