ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީކުރެވެނީ އެއީ ކުއްޖާގެ ކަންނެތްކަން ނުވަތަ ކިޔަވާ ހިތްނުވުން ކަމަށެވެ. ނަމަވެސް، ނަފްސާނީ އިލްމުވެރިންނާއި ދިރާސާތަކުން ސާބިތުކޮށްދޭ ގޮތުގައި މިއީ ހަމައެކަނި އާދައިގެ ކަމެއް ނޫނެވެ؛ މިއީ ފޮރުވިފައިވާ ވަރަށް ސީރިއަސް މައްސަލައެއްގެ ފެށުމެވެ.
އެމެރިކަން އެކަޑަމީ އޮފް ޗައިލްޑް އެންޑް އެޑޯލެސެންޓް ސައިކައިޓްރީ ގެ ދިރާސާތަކުން ދައްކާ ގޮތުގައި، ސްކޫލަށް ދާން ދެކޮޅު ހެދުމަކީ އާދައިގެ މަތިން ކްލާސް ކަޓުވާލުމާ މުޅިން ތަފާތު ކަމެކެވެ. މިއީ ކުއްޖާގެ އެތެރެހަށީގައި އުފެދޭ ވަރަށް ބޮޑު ބިރުވެރިކަމަކާއި ނަފްސާނީ ހާސްކަމެއްގެ (އެންޒައިޓީ) ސަބަބުން ދިމާވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލަށްދާ އުމުރުފުރާގެ 2% އާއި 5% އާ ދެމެދުގެ ކުދިންނަށް މި މައްސަލަ އޭގެ އެންމެ ސީރިއަސް ދަރަޖައިގައި ކުރިމަތިވެއެވެ.
ކުއްޖަކު ކުއްލިއަކަށް ސްކޫލަށް ދާން ބޭނުން ނުވާ އެންމެ ބޮޑު އެއް ސަބަބަކީ ބުލީ ނުވަތަ ގަނާގެ ޝިކާރައަކަށް ވުމެވެ. ޖާނަލް އޮފް އެޑިއުކޭޝަނަލް ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ހޯދުންތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ސްކޫލް މާހައުލަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ކުއްޖާއަށް އިހުސާސް ނުކުރެވޭނަމަ، ސިކުނޑީގެ 'ފައިޓް އޯ ފްލައިޓް' މޯޑް އެކްޓިވޭޓްވެއެވެ. މާނައަކީ، ސްކޫލަކީ ނުރައްކާތެރި ތަނެއްގެ ގޮތުގައި ސިކުނޑި ތަރުޖަމާކޮށް، އެތަނަށް ދިއުމުން ކުއްޖާ ސަލާމަތްކުރުމަށް ހަށިގަނޑު އޮޓޮމެޓިކުން މަސައްކަތް ފެށުމެވެ.
ހެނދުނު ތެދުވެ ބަނޑުގައި ރިއްސާ ވާހަކަ ނުވަތަ ބޮލުގައި ރިއްސާ ވާހަކަ ކުއްޖާ ބުނާނަމަ، އެއީ އަބަދު ހަދާ ދޮގަކަށް ނުވެދާނެއެވެ. ޕީޑިއެޓްރިކް ދިރާސާތަކުން ސާބިތުވާ ގޮތުގައި، ނަފްސާނީ ގޮތުން ކުއްޖާއަށް ކުރިމަތިވާ ސްޓްރެސްގެ ސަބަބުން ހަށިގަނޑަށް ހަގީގީ ތަދު އިހުސާސްކުރުވައެވެ. މިއީ ސިކުނޑިއަށް ނުކަތާވަރަށް ޕްރެޝަރު ބޮޑުވުމުން ހަށިގަނޑުން ދޭ އިންޒާރެކެވެ. މިއީ އެކުދިން މަކަރު ހަދަނީއެއް ނޫނެވެ؛ އެކުދިންގެ ހަށިގަނޑު ހަގީގަތުގައި ވެސް އެ ވަގުތު އޮންނަނީ ބަލިކަށިވެފައެވެ.
ގަދަކަމުން ނުފޮނުވުން: ބިރުން ހުންނަ ކުއްޖަކަށް ހަޅޭއްލަވައި ގަދަކަމުން ސްކޫލަށް ފޮނުވުމަކީ މައްސަލަ އިތުރަށް ގޯސްވާ ކަމެއް ކަމަށް ސައިކޮލޮޖިސްޓުން ލަފާދެއެވެ. އޭގެ ސަބަބުން މައިންބަފައިންނަށް އޮންނަ އިތުބާރު ކުއްޖާގެ ހިތުން ގެއްލެއެވެ.
ވާހަކަ ދެއްކުމުގެ މާހައުލެއް ހޯދައިދިނުން: ކުއްޖާއާ ރުޅިވެރިކަމާއެކު ސުވާލުކުރުމުގެ ބަދަލުގައި، ލޯތްބާއެކު ވާހަކަދައްކައިގެން އަސްލު މައްސަލަ ދެނެގަންނަން މަސައްކަތްކުރާށެވެ. ބުލީގެ ޝިކާރައަކަށް ވެފައިވާނަމަ ކުއްޖާ އެވާހަކަ ބުނަން ޖެހިލުންވާނެއެވެ.
ސްކޫލާ ގުޅިގެން މަސައްކަތްކުރުން: މިއީ ގޭތެރެއިން އެކަނި ހައްލުކުރެވޭނެ ކަމެއް ނޫނެވެ. ކުލާހުގެ ޓީޗަރުންނާއި ސްކޫލްގެ ކައުންސިލަރުންނާ ބައްދަލުކޮށް، ކުއްޖާގެ އުޅުމަށް އައިސްފައިވާ ބަދަލުތައް ހިއްސާކުރުން މުހިންމެވެ.
ކުއްޖަކު ސްކޫލަށް ދާން ދެކޮޅު ހެދުމަކީ "ބޮޑާ ހޭކުން" ކަމަށް ބަލައި ދޫކޮށްލެވޭކަށް ނެތެވެ. ކުއްޖާގެ ހެދުމާއި، ފޮތްތަކާއި، އަދި ސިއްހީ ކަންކަމަށް އަޅާލާ ފަދައިން، ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމާއި ސްކޫލް މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. މައްސަލައިގެ އަސްލު ދެނެގަނެ، އެކަމަށް އިލްމީ އަދި އޯގާތެރި ހައްލެއް ހޯދައިދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެ އެންމެ އިސް ޒިންމާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;