ads
ފުޅާ ވަމުން އަންނަ ޑިޖިޓަލް މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން
ފުޅާ ވަމުން އަންނަ ޑިޖިޓަލް މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން
ރާއްޖޭގެ އާބާދީގެ 92 ޕަސެންޓް މީހުން ބޭންކް އެކައުންޓެއް އޮންނަ އިރު ރާއްޖޭގެ ރައްޔިތުންނަކީ އިންޓަނެޓާއި ސްމާޓް ފޯނަށް ވެސް ވަރަށް ބޮޑަށް އަހުލުވެރި ބައެކެވެ. ޒަމާނީ ދުނިޔޭގައި އައިސްފައިވާ ޓެކްނޮލޮޖީގެ އިންގިލާބާއެކު، ދިވެހިރާއްޖޭގެ އިގުތިސާދީ މުއާމަލާތްތައް ވެސް ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުވާން ފަށާފަ އެވެ.
Advertisement

މިއަދު މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް "ސިމްޕަލް" ކަމެކެވެ. މިއީ ރާއްޖޭގެ އިގުތިސާދަށް އައި ވަރަށް މުހިންމު އަދި އެދެވޭ ހެޔޮ ބަދަލެކެވެ. ނަމަވެސް، މި "ފަސޭހަ" އާއެކު މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މިއަދު އެންމެ އިސްކަންދޭންޖެހޭ އެއް ކަންތަކެވެ.

ރާއްޖޭގެ ގައުމީ ބޭންކް - ބީއެމްއެލްގެ ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ހިންގަނީ ޑިޖިޓަލްކޮށެވެ. ބާސެލާ ނަސަންދުރާގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި 29 މެއި 2025 އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލް އިން އަހަރަކު 220 މިލިއަން ވުރެ ގިނަ ފައިސާގެ މުއާމަލާތްތައް މިހާރު ޑިޖިޓަލްކޮށް، ޕްރޮސެސް ކުރޭ ކަމަށެވެ. އެއީ ގާތްގަނޑަކަށް 540 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.

"ބީއެމްއެލްގެ ހުރިހާ ބްރާންޗެއްގެ ކައުންޓަރުތަކުން މިހާރު އަހަރެއްގެ މައްޗަށް ކުރެވެނީ ގާތްގަޑަކަށް ހަ ލައްކަ މުއާމަލާތް. މިހާރު ބޭންކުގެ 99 ޕަސެންޓަށް ވުރެ ގިނަ މުއާމަލާތްތައް ކުރަނީ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ޕީއޯއެސްގެ އިތުރުން ކާޑުތަކުން ދުވާލަކު 238،000 މުއާލަމާތް ކުރެ އެވެ. އަދި އެ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ވެފައި ވަނީ ބޭންކުގެ ކާމިޔާބީގެ މައިގަނޑު ބިންގަލަށެވެ.

"ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ މިދިޔަ މާޗު މަހުން ފެށިގެން ކަސްޓަމަރުންނަށް ބްރާންޗުތަކަށް ޒިޔާރަތް ނުކޮށް، ހުރިހާ ބޭންކިން ހިދުމަތްތަކެއް އޮންލައިންކޮށް ހޯދޭނެ ފުރުސަތު މަގުފަހިވެގެން ދިޔަކަން،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވި އެވެ.

މި ހަގީގަތް ގަބޫލުކޮށް ދިވެހި މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމާނީ ޕޭމަންޓްސް އެޕްތަކުގެ ވައްޓަފާޅިއާއި ސެކިއުރިޓީއަށް އާ އީޖާބީ ބަދަލުތައް އައުމުގެ ކޮޅުމަތި ފެންނަން ފަށައިފިކަން ގަބޫލުކޮށް ފައިސާގެ މުއާމަލާތްތަކަށް ރައްކާތެރި ބަދަލެއް އެބަ ބޭނުން ވެއެވެ. އެ ބަދަލުތައް ވާންޖެހޭނީ ޓެކޮނޮލޮޖީގެ ތެރެއިން ކަސްޓަމަރުންނަށް އެހާމެ ފަސޭހަ ބަދަލެކެވެ.

މިއަދު މާލީ މުއާމަލާތްތަކުގެ ތެރެއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ "ނު ރަނގަޅު ނުފޫޒު" ވަނީ ވަރަށް ބޮޑަށް ވަދެފަ އެވެ. ބޭންކުތަކާއި މާލީ އިދާރާތަކުން ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމަށާއި، މަކަރާއި ހީލަތުގެ މުއާމަލާތްތައް ދެނެގަތުމަށް އޭއައި ބޭނުންކުރެ އެވެ. ނަމަވެސް، ހަމަ އެއާއެކު ކުށްވެރިން ވެސް އޭއައި ބޭނުންކޮށްގެން މާލީ މުއާމަލާތްތަކަށް ހުރަސްއަޅައި، މީހުންގެ މާލީ މައުލޫމާތު ވަގަށް ނެގުމަށް މަސައްކަތް ކުރަމުންދެ އެވެ. އެހެންކަމުން، ޑިޖިޓަލް މާލީ މުއާމަލާތްތަކަށް އާންމުން ހޭލުންތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

your imageބޯހިޔާވަހިކަމާއި ނަމުގައި ހިންގާ ސްކީމްތައް ވެސް ރާއްޖޭގައި އަންނަނީ އިތުރުވަމުން

ދިވެހި ފުލުހުންގެ ހިދުމަތުން އެންމެ ފަހުން އާންމު ކުރި ތަފާތު ހިސާބުން ދައްކާ ގޮތުން މިދިޔަ އާދިއްތަ ދުވަހުން އިއްޔެއާ ހަމައަށް ސްކޭމުގެ 41 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ އީ ކޮމާސްގެ 21 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ތިން މައްސަލައަކާއި ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބްސްކޭމްގެ އެއް މައްސަލައެއްގެ އިތުރުން އެހެނިހެން އަށް މައްސަލައެވެ.

އެ މައްސަލަތަކުގައި 496،383 ރުފިޔާ ގެއްލިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެތެރެއިން ފުލުހުންނަށް ހޯދިފައިވަނީ 211،684 ރުފިޔާ އެވެ. އެ މައްސަލަތަކުގައި ސްކޭމަރުން ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި އައިބޭގެ އިތުރުން ފޯނުކޯލާއި ފިޝިން ލިންކުތަކުގެ އިތުރުން، ފޭސްބުކް މާކެޓް ޕްލޭސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފައިނޭންޝަލް ސްކޭމްތަކަކީ މިހާރު ރާއްޖޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އޮޅުވާލައިގެން ފައިސާ ހޯދުމާއި، ސައްހަ ނޫން ލިންކުތައް މެދުވެރިކޮށް އެކައުންޓްތަކުގެ ކޮންޓްރޯލް ހޯދުމަކީ އާންމުކޮށް ފެންނަ ކަންކަމެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި، އަމިއްލަ މައުލޫމާތާއި އޯޓީޕީ ފަދަ ކޯޑުތައް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ސަމާލުވާންޖެހެ އެވެ.

ފުލުހުން ވެސް ވަނީ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް އާންމުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން، ވިޔަފާރި އެކައުންޓަކާ މުއާމަލާތު ކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯއާއި ވިއްކާ މުދަލާ ގުޅޭ ވިޔަފާރިއެއްތޯ ކަށަވަރުކޮށް، ވިޔަފާރީގެ ނަންބަރު ކަށަވަރުކުމަށް ފުލުހުން ވަނީ އިރުޝާދުދީފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި އާއި އާންމު ރައްޔިތުންގެ އަމިއްލަ އެކައުންޓްތައް "ހެކަރުން"ގެ އަތްދަށުވުން އާންމުވެފާވާއިރު، ދައުލަތުގެ ޑިޖިޓަލް މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތެކެވެ. ސަރުކާރުގެ މުއައްސަސާތަކާއި މާލީ ނިޒާމު ހަރުދަނާކޮށް، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަކީ އިގުތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. 

މިގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެންދަނީ ވިޔަފާރިތަކާއި މާލީ އިދާރާތައް ޑިޖިޓަލް މާލީ މުއާމަލާތްތަކަށް ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ރައްކާތެރި ގޮތުގައި މުއާމަލާތްތައް ހިންގާނެ އުސޫލުތައް ކަނޑައެޅުމާއި، އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ކެމްޕޭންތައް ހިމެނެ އެވެ.

އެގޮތުން އެމްއެމްއޭ އިން އުފެއްދި ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެކު ޑިޖިޓަލް މުއާމަލާތްތައް ހިންގުމުގައި އިތުރު ލުއި ގޮތްތަކެއް މިހާރު ވެސް އާންމުނަށް ވަނީ ތައާރަފް ވެފަ އެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން، "މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް" މެދުވެރިކޮށް މިހާރު ކުރެވޭ ފައިސާގެ މުއާމަލާތް ކުރެވެނީ މިފަދަ ސިސްޓަމްތަކުގައި ބޭނުންކުރާ ސަލާމަތީ ކަންކަން ކަށަވަރު ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކަމުގެ ޔަގީންކަން އެމްއެމްއޭއިން ދެ އެވެ.

your imageއެމްއެމްއޭގެ އިވެންޓެއްގައި ރައީސްޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ، އަރިހުގައި ގަވަރުނަރު މުނައްވަރު - ފޮޓޯ: ރައީސް އޮފީސް

މާލީ ދާއިރާގެ މުހިއްމު ހިދުމަތްތަކެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަހުމަދު މުނައްވަރު މިފަހުން ވިދާޅުވީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވި ކަން ފާހަގަކުރައްވާފަ އެވެ. މުނައްވަރު ވިދާޅުވީ މީގެ ހަ އަހަރު ކުރިން 40 ޕަސެންޓް މުއާމަލާތްތައް ޗެކުން ހިންގި ނަމަވެސް މިހާރު ޗެކް މެދުވެރިކޮށް ހިންގަނީ އެންމެ ހަތް ޕަސެންޓުގެ ފައިސާގެ މުއާމަލާތް ކަމަށެވެ.

"އެކައުންޓް ޓްރާންސްފާ ކުރާ މިންވަރު 49 ޕަސެންޓުން 83 ޕަސެންޓަށް ވަނީ އިތުރުވެފައި. މިކަމުން ދައްކުވައިދެނީ ކޮވިޑަށް ފަހު ޑިޖިޓަލް މާލީ މުއާމަލާތްތައް އިތުރުވި މިންވަރު. އަދި ފަވަރައާ އެކު އެ އަދަދު ވަނީ އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، ފަވަރަ އެމްއެމްއޭ އިން ތައާރަފްކުރީ އޮގަސްޓް 2023 ގަ އެވެ. މުނައްވަރު ވިދާޅުވީ، ފަވަރަ ބޭނުންކުރާ ވަރު އެއް އަހަރުން އަނެއް އަހަރަށް އިތުރުވުމުން ދައްކުވައި ދެނީ، މާލީ މުއާމަލާތް ކުރުމުގައި ފަސޭހަ، ލުއި އަދި އަވަސް ގޮތްތައް އާންމުން ބަލައިގަންނަ މިންވަރު ކަމަށެވެ. ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މިފަދަ ރައްކާތެރިކަން ޔަގީންކުރެވިފައިވާ ސިސްޓަމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތް ކުރުމުން، ނަގުދު ފައިސާ އާއި ޗެކު ފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭ މިންވަރު މަދުވެ އަދި ދިމާވަމުންދާ ހިރާސްތައް ނެތިގެންދާނެއެވެ. 

your imageއިންޑިއާގެ ޔޫޕީއައި ބޭނުންކޮށްގެން ފައިސާ ދެއްކޭ އެކި ހިދުމަތްތަކުގެ ކިއުއާރްކޯޑުތައް އިންޑިއާގެ ފިހާރައެއްގެ ކައުންޓަރުމަތީ ބަހައްޓާފައި: ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން މި ހިދުމަތް ދިވެހިންނަށް އިންޑިއާގައި ވެސް ބޭނުންކުރެވޭނެ. - ފޮޓޯ: ޓެކްކްރަންޗް


ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ރާއްޖޭގެ ޕޭމަންޓް ސިނާއަތަށް ތައާރަފުކޮށް ކުރިއެރުވުމަށް އެމްއެމްއޭ އިން ކުރާ މަސައްކަތްތަކުގައި ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ މި ސްޓޭންޑަޑް އެކުލަވާލުމުގެ މަގްސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުމެވެ. މިހެން ހެދުމުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފް ކުރުމަށް މަގު ފަހިވެގެންދާނެ އެވެ. އަދި ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގުވާމީ މުއާމަލާތްތައް ވެސް ފަސޭހައިން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފަ އެވެ. 

ކޮންމެއަކަށް ޑިޖިޓަލް މާލީ ނިޒާމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ފަހި ފުރުސަތެކެވެ. ނަމަވެސް މި ފުރުސަތުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ، ކޮންމެ ފަރުދަކުވެސް އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މާލީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެންނެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;