އޭނާ އެހެން ވިދާޅުވީ، ޓެކްސީ ނަފާ ލޯނާ ގުޅޭ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ހއ. ދިއްދޫ، މުތީގޭ، އާދަމް ސަލީމް ކިޔާ މީހަކު ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރު ސައީދާ ހިއްސާކުރި ސިޓީއަކަށް ދެއްވި ޖަވާބުގަ އެވެ.
އެ ސިޓީގެ ޖަވާބުގައި ސައީދު ވިދާޅުވީ، ޓެކްސީ ނަފާ ލޯނު ނެގި ފަރާތުގެ ކަންބޮޑުވުންތައް އިންސާފުވެރިކަމާ އެކު، ބަލައި ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކެއް ހޯދުމަށް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
މިނިސްޓަރަށް ފޮނުވި ސިޓީގައި ވެސް ވަނީ ރަޖިސްޓްރޭޝަން މަރުހަލާ ލަސްވުމުގެ ސަބަބުން ލޯނު ނެގި ފަރާތްތަކަށް ކުރިމަތިވާ ގާނޫނީ އަދި މާލީ ބިރުވެރިކަން ފާހަގަކޮށްފައެވެ. އަދި އުންމީދަކީ ވީ އެންމެ އަވަހަކަށް ޓެކްސީ ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިއުންކަން ވަނީ ފާހަގަކޮށްފަ އެވެ.
ކުރީ ސަރުކާރުން ޓެކްސީ ދުއްވަން ކާރު ގަންނަން ތައާރަފުކުރި "ޓެކްސީ ނަފާ ލޯނު"ގެ ދަށުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި އަހަރެއް ވެގެން ގޮސް އޭގެ ބޭނުން ނުކުރެވި އޮއްވައި، ޑްރައިވަރުންނަށް ލޯނަށް ފައިސާ ދައްކަން ޖެހުމަކީ "ސްކޭމް"އެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ކުރީގެ އެސްޑީއެފްސީ ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއިން މި ލޯނު ތައާރަފުކުރީ ސެޕްޓެމްބަރު 04، 2023ގައެވެ. ނަމަވެސް އެ ލޯނަށް އެދުނު މީހުންނަށް ފައިސާ ޖަމާވެފައި ވަނީ މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ.
ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ހިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމުގަ އެވެ. ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;