މި އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. އެ ގޮތުން ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ.
އާރްއެސްއެފް ނެރުނު ރިޕޯތްގައި ބުނީ މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، މި ސަރުކާރުންވެސް ބަދަލު ނުކުރުން ހިމެނެއެވެ. އަދި ސަރުކާރުން ދާދި ފަހުން މީޑިއާ ކޮމިޝަނެއް އުފައްދާ މީޑިއާތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުންވެސް ހިމެނެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު ކޮންމެ ހަފްތާއެއްގައި ނޫސްވެރިންނާއި ބައްދަލުކުރަން މިއަދު ފެށި " ޕްރެސް ވިތް ދަ ސްޕޯކްޕާސަން" ސިލްސިލާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ޖެހުނީ ސަރުކާރުން ގެންގުޅޭ ސިސާސަތެއްގެ ސަބަބުން ނޫންކަމަށެވެ.
މޫންދު ވިދާޅުވީ މީގެ ކުރީ ސަރުކާރުން ނޯންނަ ވަރަށް މި ސަރުކާރުގައި މީޑިއާތައް އެބައޮތް ކަމަށެވެ. އަދި މީގެކުރިން ރަނގަޅު އާމްދަނީއެއް ނުލިބޭތީ ނޫސްވެރިކަން ކުރަން ގިނަ ބަޔަކު ބޭނުން ނުވިއިރު މި ސަރުކާރުން މީޑިއާތައް ހިންގަން ފައިސާ ދެމުން އަންނަކަން މުންދު ފާހަގަކުރިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;