މި އަހަރުގެ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައެވެ. އެ ގޮތުން ދިވެހިރާއްޖެ ވަނީ 108 ވަނައަށް ވެއްޓިފައެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނައާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެކެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖެ އޮތީ 100 ވަނަގައެވެ. އޭގެފަހުން މިދިޔަ ދެ އަހަރު ރާއްޖެ މިވަނީ 8 ދަރަޖަ ފަހަތަށް ވެއްޓިފައެވެ. އެހެންނަމަވެސް 2025 ވަނަ އަހަރު 2024 ވަނަ އަހަރު އޮތް ދަރަޖައަށްވުރެ 2 ދަރަޖަ ކުރިޔަށް ޖެހިލާފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިގައި ރާއްޖެ އަށް އަންނަމުންދާ ބަދަލު
މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، މި ސަރުކާރުންވެސް ބަދަލު ނުކުރުން ހިމެނެއެވެ. އަދި ސަރުކާރުން ދާދި ފަހުން މީޑިއާ ކޮމިޝަނެއް އުފައްދާ މީޑިއާތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުންވެސް ހިމެނެއެވެ.
ރާއްޖޭގެ ޖުމްލަ ސްކޯވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ. މި އިންޑެކްސްގެ މައިގަނޑު ބަލާއިރު އެންމެ މިންގަނޑަކުން ފިޔަވައި ހުރިހާ މިންގަނޑަކުން ރާއްޖެ ވަނީ ފަހަތަށް ގޮސްފައެވެ. އެ އިންޑެކްސްގައި ރާއްޖެއަށް ހަމައެކަނި ކުރިއެރުމެއް ލިބުނީ އިޖުތިމާއީ ކުރިއެރުމުންނެވެ. އެ މިންގަނޑުގައި 133 ވަނައިން 118 ވަނަ ދަރަޖައަށް ވަނީ ކުރިއަށްޖެހިލައިފަ އެވެ. އެއީ 15 ދަރަޖައިގެ އިތުރުވުމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;