ޕީސީބީއިން ބުނި ގޮތުގައި، މިފްކޯގެ ހިންގުމާ މިއަދުން ފެށިގެން އަނަސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ޕީސީބީގެ ރައީސްގެ މަގާމުގަ އެވެ.
އެ މަގާމުގައި ހުންނެވިއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ބަލައި މޮނިޓާކުރުމުގެ އިސް ޒިންމާތައް އޭނާ ވަނީ އުފުއްލަވާފަ އެވެ.
އަނަސް އަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމާއި، ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުތަކާއި، އަދި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ ދާއިރާއިން ތަޖުރިބާކާރު، މާލީ އަދި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ފަންނީ ބޭފުޅެއްކަމަށް ޕީސީބީން ބުންޏެވެ.
މިފްކޯގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަން މިކުރެވުނީ، އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ތައުލީމީ ގޮތުން ބަލާއިރު، މުޙައްމަދު އަނަސް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލުކުރައްވާފަ އެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހާޓްފޯޑްޝަޔަރއިން އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނާސްއާއެކު ބެޗްލާ އޮފް އާޓްސް ހާސިލުކުރައްވާފައިވެ އެވެ.
މީގެ އިތުރުން، ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އިންތިޒާމުކުރި، ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި އިގްތިސާދީ ދިރާސާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރަމްތަކުގައި އަނަސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;