ads
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް: އޭނާ ހުށައެޅުއްވީ ފަތުރުވެރިކަމުގެ ވިޔަފާރީގެ ދަތިތަކުން އަރައިގަތުމަށް ވަގުތީ ހައްލުތަކެއް
ފަތުރުވެރިކަމުގެ ވިޔަފާރީގެ ދަތިތަކުން އަރައިގަތުމަށް ހުށަހެޅި މައްސަލަ ބޭރު
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.
Advertisement

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޛާކިރު ހުށަހެޅުއްވި މައްސަލައިގައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ފަތުރުވެރިން އައުން ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން އެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހަނގުރާމައާ ގުޅިގެން ދުވާލަކު އަންނަ ފަތުރުވެރިންގެ އަދަދު 7,000 އިން 4,000 އާއި 5,000 އާ ދެމެދަށް ވަނީ ދަށްވެފައި. އަދި ދުވާލަކު ގާތްގަނޑަކަށް 2,000 ބުކިން ކެންސަލްވަމުންދަނީ. ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު 21 އިންސައްތަ ދަށަށް ވަނީ ގޮސްފައި."މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން އޮތީ 5.4 އިންސައްތައިގައި ކަމަށެވެ. ނަމަވެސް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)އިން އަންދާޒާކުރާ ގޮތުގައި، އެ އަދަދު އެއް އިންސައްތައަށް ދަށްވާނެ ކަމަށް، މައުރޫފް ވިދާޅުވި އެވެ.

ވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް މި މުއްދަތުގައި ލުއިތަކެއްދީ، ފައިސާ ދައުރުކުރުމަށް އެހީތެރިވެދޭނެ ފިޔަވަޅުތައް އެޅުން މުހިއްމުކަމުގައި މައުރޫފް ފާހަގަކުރެއްވި އެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ފިޔަވަޅުތަކުގެ ތެރޭ ހިމެނެނީ:

  1. މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ވިޔަފާރި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމުގެ ގޮތުން "ވޯކިން ކެޕިޓަލް ލޯނު" ސްކީމެއް ތަންފީޒުކުރުން ނުވަތަ އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކުރުން
  2. "އިންޓްރެސްޓް ފްރީ މޮރަޓޯރިއަމް ލޯނު" ފަދަ އުސޫލެއް ތަންފީޒުކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި އެސްއެމްއީ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން ހަ މަހަށް މެދުކަނޑައިލުމުގެ ފުރުސަތު ދިނުމަށްފަހު އިންޓްރެސްޓް ރޭޓު މަޑުމަޑުން ތައާރަފްކޮށް، ދައުލަތުގެ ބަޖެޓަށް ބުރަނުވާނެހެން އެހީތެރިކަން ދިނުން
  3. ބީއެމްއެލް ފަދަ މުއައްސަސާތައް މެދުވެރިކޮށް ލުއި ލޯނުތައް ފަސޭހައިން ލިބުން އިންތިޒާމުކޮށް ލޯނު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ދިނުން
  4. ޔޫޓިލިޓީ ސަބްސިޑީތައް ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ތައާރަފުކޮށް ކަރަންޓާއި ތެލުގެ ހަރަދުތަކަށް ލުޔެއް ދިނުން
  5. ރިސޯޓު ކުއްޔާއި އެއާޕޯޓު ޗާޖު ފަދަ ހަރަދު ވަގުތީގޮތުން ކުޑަކުރުން

އެ ގަރާރު ބަލައިނުގަނެ ބޭރުކޮށްލީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 33 މެމްބަރުންގެ ވޯޓުންނެވެ. ގަރާރު ބަލައިގަންނަން ވޯޓުދެއްވީ 8 މެމްބަރުންނެވެ.

މިދިޔަ އޭޕްރިލް މަހުގެ 24ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 27 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މިހާރު މެދުއިރުމަތީގައި ފެށިގެން އުޅޭ ހަނގުރާމަ ނުވަތަ ނުތަނަވަސްކަމެވެ. 

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 29 ގެ ނިޔަލަށް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އެޕްރީލް މަހު އައިސްފައިވަނީ 142518 ފަތުރުވެރިންނެވެ. މި އަދަދަކީ ކުރީ އަހަރު އައިސްފައިވާ 191240 ޓޫރިސްޓުންނާ އަޅާބަލާއިރު 48722 ފަތުރުވެރިން މަދުވުމެވެ. އަދި މިއީ ޕަސެންޓޭޖުން ބަލާބަމަ %25.5 ގެ ބޮޑު ހީނަރުވުމެކެވެ. 

މިދިޔަ މަހު ޖުމްލަ ފަތުރުވެރިންގެ އަދަދު ހީނަރުވެގެން ދިޔައިރު ދުވާހަކު އަންނަ ފަތުރުވެރިންގެ އަދަދުން 1680 މީހުން ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 6594 ފަތުރުވެރިން އައިނަމަވެސް މި އަހަރު މި އަދަދު ހުރީ 4914 ގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;