ads
ރައްޔިތުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުން
ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތް ބޮޑުނުކޮށް ރައްޔިތުންނަށް އިސްކަންދޭން އެދެފި
ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަންދިނުމަށްވެސް ރައްޔިތުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 12 މެމްބަރުން ސަރުކާރަށް ގޮވާލަައްވައިފި އެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ ރައީސުގެ މުސާރަ 95،125 އަށް ހަދާ ވަޒީރުންނަށް ދޭ ކާރުގެ އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުން މަޖލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. 

މިކަމާއި ގުޅިގެން މަޖިލީހުގައި ތިއްބަވާ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާބެއްގައި ބުނީ ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ. މަޖިލީހުގެ ރައީސާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމި ނިންމުމަކީ، އެ މެމްބަރުން އެކަމުގައި އެއްވެސް ބައިވެރިވުމެއް ނެތް، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުން، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ 4.5 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހަރަދުކޮށްފައިވާއިރު،
ދައުލަތުގެ ދަރަނި ދުވަހުން ދުވަހަށް ބޮޑުވަމުންދާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ރައްޔިތުން އަތުން ނަގާ ޓެކްސްތައް އިތުރުކުރުމަށް މި ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެތައް ގާނޫނަކަށް ބަދަލުގެނެސްފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ އަދަދަކީ ރައްޔިތުންގެ އެތައް ބޭނުންތަކެއް ފުއްދަން ބަޖެޓުގައި ހިމެނިފައިވާ އަދަދަކަށްވާއިރު  ބްލޮކް ގްރާންޓަށް  ބަދަލުނުގެނެސް، ކައުންސިލަރުންނާއި، ކައުންސިލް ރައީސުންގެ މުސާރައަށް ބަދަލު ގެނައުމަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެތައް ހިދުމަތަކަށް ބުރޫއަރާނެ ކަމެއްކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅުކުރަމުން އަންނަކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ. 

މީގެ އިތުރުން ރާއްޖޭގައި ޕޭ ހާމަނައިޒޭޝަންގެ އެތައް ކަންބޮޑުވުމެއް އޮތްއިރު، އަދި އެކަންބޮޑުވުންތަކާއި ގުޅިގެން 16 ޖޫން 2025 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި އިޖްތިމާޢީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައިވާ "ތަޢުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާ ގުޅޭ ޤަރާރު" ގެ މަސައްކަތްވެސް މިއަދާ ހަމައަށްވެސް ނުނިންމައި، މިފަދަ ގޮތަކަށް މުސާރައަށް ބަދަލުގެނައުމުން އެތައް ރައްޔިތުންނެއް ކަންބޮޑުވާކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ މިފަދަ ކަންކަން ހުއްޓުވައި، ސަރުކާރު ޒިންމާދާރުކުރުވުމުގެ ޒިންމާ ގާނޫނުއަސާސީގެ ދަށުން މަތިކުރެވިފައިވާ މުއައްސަސާއަށް ވީނަމަވެސް، ޕިއެންސީގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން
ސަރުކާރުން މިވަނީ އެކަން ހުއްޓުވާފައެވެ". އެ ބަޔާނުގައި ވެއެވެ


ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިހާރު ނިންމާފައިވާގޮތަށް ވެރިންގެ މުސާރައާއި އިނާޔަތްތައް އިތުރުކުރުމުން
ދައުލަތުގެ ހަރަދަށް އަހަރަކު 40 މިލިއަން ރުފިޔާ އިތުރުވެގެންދާނެތީވެ، މި ނިންމުން ބަދަލުކުރުމަށް އެ މެމްބަރުން ވަނީ ގޮވާލާފަ އެވެ.

" ވަޒީރުންނާއި މަޖިލިސް ރައީސްގެ އިނާޔަތް އިތުރުކުރުމަށްވުރެ މުހިންމު ކަންކަން ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް އޮތުމުން އެކަންކަމަށް އިސްކަންދިނުމަށްވެސް ގޮވާލަމެވެ. މިގެއިތުރުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށާއި، ރައްޔިތުންނަށް ލިބެމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ސަރުކާރަށާއި
ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ."

ވަޒީރުންނާއި މަޖިލީހުގެ ރައީސްގެ އިތުރުން ކައުންސިލަރުންގެ މުސާރަވެސް ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް