މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން މިބަލި ފެނުމާ ގުޅިގެން ޖެހިގެން އައި ޖެނުވަރީ މަހު ދިވެހި ސަރުކާރުން މިވައިރަހާ ގުޅިގެން ޕްލޭން ކޮށް، ފިޔަވަޅުތައް އަޅައި، ތައްޔާރުވާން ފެށިކަމަަށް ސަރުކާރުން އައީ ބުނަމުންނެވެ. ކޮވިޑް-19 މާލެއިން ފެނުނު ދުވަހުން ފެށިގެން މާލެ ލޮކްޑައުން ކުރިފަހުން އެތައްސަތޭކަ މީހުން މިވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ޓެސްޓް ކުރެވޭވަރު މަދުވުމަކީ ކަންބޮޑުވުމެެއްކަން މިދިޔަ ހުކުރު ވިލޭރޭ ޑރ. ޝީނާވެސް ފާހަގަ ކުރެއްވިއެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ރާއްޖެއިން މިކަމަށް ތައްޔާރުވެ، 700 މިލިޔަން ރުފިޔާއާއި ގާތްކުރާ ވަރަށް ޚަރަދު ކުރި އިރު، ކޮވިޑް-19 އަށް ޓެސްޓް ކުރެވޭވަރު އިތުރުނުވެ އޮތީ ކީއްވެ ހެއްޔެވެ؟ މިއީ މިއަދު އެތައް ބަޔަކު ކުރާ ސުވާލެކެވެ. ލޮކްޑައުންގައި ރައްޔިތުން ތާށިވެފައި ތިބެނީ އެވެ. ބަލި ފެތުރޭ މިންވަރު އެނގޭނެ ގޮތެއް ނެތެވެ.
ސަރުކާރުން ދަނީ އެތަކެއް ހަރަދެއް ކުރަމުންނެވެ. އެންމެ ފަހުން ދެއްކި ހިސާބުތަކުން އެނގޭ ގޮތުގައި މި ބަލިވަނީ މާލޭގައި ވަރަށް ބޮޑަށް ފެތުރިފައެވެ. ދެރަކަމަކީ ފެތުރިފައި އޮތްވަރުވެސް އެނގޭނެ ގޮތެއް ނެތުމެވެ. ދެން ކުރެވޭނެ ކަމަކީ ޒަރޫރީ ބޭނުންތަކަމަށްވެސް ގެެއިން ބޭރަށް ނުނިކުމެވޭނެހެން، މިލިޓަރީ ކާފިއު ގޮތަށް ހުރިހާ ރައްޔިތުން ގޭގައި ބަންދުކުރުމެވެ. މިގޮތަށް ބަންދު ކުރާ ނަމަވެސް ކުރު މުއްދަތަކުން މިކަމެއް ނުވާނެވެ. ސުވާލަކީ މާލޭގެ ހުރިހާ ރައްޔިތުން އެއް މަސް ނުވަތަ ދެ މަސްދުވަހު އެއްވެސް ގޮތަކަށް ބޭރަށް ނުދެވޭ ގޮތަށް ގޭގައި ބަންދުކުރެވިދާނެ ހެއްޔެވެ؟ މިގޮތަށް ބަންދުކުރި ކަމުގައި ވިޔަސް ގިނަ ބަޔަކު ޓެސްޓް ނުކޮށް ބަލި ކޮންޓްރޯލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ހެއްޔެވެ؟
މާލޭގައި އުޅޭ އެތަކެއް ބިދޭސީންނަކީ މާލޭގައި ހިންގާ ކޮންސްޓްރަކްޝަނާއި، ފިހާރަތަކާއި ގުދަން ތަކުގައި މުދާ އުފުލުމުގައި ކޮންމެ ދުވަހަކު އުޅޭ ބައެެކެވެ. މާލޭގައި ދިވެހިންގެ ދިރިއުޅުން ކުރިއަށް ދަނީ މިދެންނެވި ކަންކަން ހިނގާތީއެވެ. އެހެންކަމުން މިވަގުތު މާލެއިން ބޭރަށް ބިދޭސީން ބަދަލު ކުރިއަސް އެމީހުން މާލޭގެ މަސައްކަތަށް ގެންނަން ޖެހެއެވެ.
ކޮވިޑް-19 މާލެއިން މުޅިން އެއްކޮށް ފިލުވާލައިގެން ނޫނީ އެމީހުން މާލެއަށް ނާރުވާ އުޅެވިދާނެހެއްޔެވެ؟ އެމީހުންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިޔަސް އެހެން އެންމެން ކަަރަންޓީނު ކުރަން މަޖުބޫރު ވާނެއެވެ. މާލެއިން ބޭރުގައި ހަދާ ބިދޭސީންގެ އެކޮމަޑޭޝަންތައްވެސް ހުރީ ގިނަ ބަޔަކު އެއްހޯލެއްގޮތަށް ހުންނަ ތަންތަނުގައި ބައިތިއްބާގޮތަށެވެ. މިއީ މިވަގުތު އަވަސް އަރުވާލައިގެން ކުރަންޖެހޭ ވަރުގެ ހަރަދެއް ހެއްޔެވެެ؟ ރަނގަޅަށް ޕްލޭންކުރެވިގެން ނުކޮށްފިނަމަ ފަހުން ލިބިދާނެ ގެއްލުން ބޮޑުވެދާނެއެވެ.
ޑރ. ޝީނާވެސް ފާހަގަ ކުރެއްވި ފަދައިން އެންމެ މުހިއްމު މަސައްކަތަކީ ޓެސްޓް ކުރުން އިތުރު ކުރުމެވެ. މިވަގުތަކީ ސަރުކާރުގެ ހަރަދު ތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކު އަވަހަށް ޓެސްޓް ކުރެވޭނެ ގޮތްހަދަންޖެހޭ ވަގުތެވެ. މިހާރުވެސް ލަސްވެއްޖެ އެވެ. މިއީ ދެބަސްވެވެން އޮތްކަމެއް ނޫނެވެ. އެހެން ނޫން ނަމަ ރަތްޔިތުން ގޭގައި ތަހައްމަލުކުރާ ދަތި ހާލަކީ އެއްވެސް ބޭނުމެއްނެތް އެއްޗަކަށް ވުން ގާތެވެ. ބަލި ފެތުރިފައި އޮތްވަރެއްވެސް ނޭނގޭއިރު ބަލި ކޮންޓްރޯލް ކުރެވި ހާލަތު މެނޭޖް ކުރެވޭ ކަމުގައި ބުނެވިދާނެ ހެއްޔެވެ؟