ވަކި ފަރާތެއް އެނގޭގޮތް ނުވާގޮތަށް، އެކުއެކީގައި އެކި ތަންތަނަށް އަމާޒުކޮށްގެން ދީފައިވާ މި އިންޒާރުތަކުގެ ސަބަބުން، މީޑިއާ ތަކުގެ އާންމު ހިންގުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
މި އިންޒާރުތަކާ ގުޅިގެން އަޔަރލަންޑުގެ ގައުމީ ބްރޯޑްކާސްޓަރު އާރްޓީއީ ގެ ޑަބްލިންގައި ހުންނަ ހެޑްކުއާޓަރު ވަނީ އެއްކޮށް ހުސްކޮށްފަ އެވެ. އަދި އެ ތަނުން ދެމުންދިޔަ ބްރޯޑްކާސްޓިންގ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. އަޔަރލަންޑުގެ އިތުރުން ބަލްގޭރިއާގެ މައި މީޑިއާ އޮފީސްތަކަށްވެސް ވަނީ މިފަދަ ބޮމުގެ އިންޒާރުތައް ލިބި، އެ ތަންތަނުގެ މަސައްކަތްތަކަށް ހުރަސްއެޅިފަ އެވެ.
މީޑިއާ އޮފީސްތަކަށް ދީފައިވާ މި އިންޒާރުތަކަކީ ޔޫރަޕްގެ އެކި ގައުމުތަކުގައި ފަހަކަށް އައިސް އާންމުވެފައިވާ ދޮގު ބޮމުގެ އިންޒާރުތަކުގެ ސިލްސިލާގެ ތެރެއިން ދެވުނު އިންޒާރުތަކެކެވެ. މީގެ ކުރިން ޔޫރަޕްގެ ވައިގެ ދަތުރުފަތުރާއި، އާންމު ވަސީލަތްތަކަށް އަމާޒުކޮށްގެންވެސް މިފަދަ ދޮގު އިންޒާރުތަކެއް ވަނީ ދީފަ އެވެ. އަދި އެ އިންޒާރުތަކުގެ ސަބަބުން ޔޫރަޕްގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށާއި އާންމު އިޖުތިމާއީ ވަސީލަތްތަކުގެ ހިދުމަތްތަކަށް ބޮޑެތި ބުރޫއެރުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.