އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް އޮފީސް ވެސް ހިމެނޭ ގޮތަށް ސަރުކާރުގެ ގިނަ އިދާރާތަކުން މައުލޫމާތު ފޯރުކޮށް ނުދޭ މައްސަލާގައި ނޫސްވެރިޔަކު ސުވާލުކުރުމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ އެ ގާނޫނު އެކުލަވާލީ ހާއްސަ މަގުސަދެއް ހާސިލްކުރުމަށް ކަމަށާއި ގާނޫނު "ހެޔޮ ގޮތުގައި ހިފާ" މީހުންނަށް ގާނޫނުގައިވާ ގޮތަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ހެޔޮ ނޫން ގޮތަކަށް ވެސް ގާނޫނުގެ ބޭނުން ހިފާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އުޝާމްގެ އެ ތުހުމަތުތަކަށް ރައްދު ދެއްވައި، އިންފޮމޭޝަން ކޮމިޝަނަރު އާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު މިއަދު ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދުގެ ހިޔާލަށް އިހުތިރާމް ކުރެއްވި ނަމަވެސް، އެ ބޭފުޅާއާ ހިޔާލު އެއްގޮތަށް ނޫން ކަމަށެވެ.
އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ ބައެއް އިސްވެރިންގެ ވާހަކަތައް ހުންނެވި ގޮތުން ސަރުކާރުގެ ސްޓޭންޑް ސާފުކޮށްދޭން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ "ސައްހަ އާރުޓީއައި"ތަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމަށެވެ.
މުންދު ވަނީ އާރުޓީއައިގެ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވައިފަ އެވެ. އެއީ؛
ހުށަހަޅާ އާރުޓީއައިތަކުގެ ތެރޭގައި ޖަވާބު ނުވަތަ މައުލޫމާތު އަރުވަން ދަތި ހުށަހެޅުންތައް ވެސް ހިމެނޭ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ދުވާލުގެ މެންދުރު ވަގުތުގެ ކުރިން ވަކި ދުވަހެއްގެ އޮފީސް ހަރަދުގެ މައުލޫމާތު ހޯދަން ވެސް އެދޭ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;