ލަންކާ ފުލުހުން މިއަދު ބުނީ ކަޕިލަ ޗަންދްރަސޭނާ، ބޮޑަށް ބެލެވެނީ އަމިއްލަ އަށް މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކޮލްޕެޓީ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސްރީލަންކަން އެއާލައިންސްއަށް އެއާބަސް މަތިންދާބޯޓު ގަތުމުގައި ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ބަންދުގައި ހުރުމަށްފަހު، ކަޕިލަ ޗަންދްރަސޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ ދާދި ފަހުންނެވެ
ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލަ ޗަންދްރަސޭނާ މަރުވެފައި އޮއްވައި ފެނުނު ގޭގައި ފުލުހުންގެ ތަހުގީގު ޓީމު މިއަދު ހަރަކާތްތެރިވަނީ. -- ފޮޓޯ: ޑެއިލީ މިރާ
ކަޕިލަ ޗަންދްރަސޭނާ މިއަދު މަރުވެފައި މިވަނީ، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައި ވަނިކޮށް، ކަފާލާތުގެ ޝަރުތުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، އޭނާ އަލުން ހައްޔަރުކުރުމަށް ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނިކޮށެވެ.
މިހާރު އުމުރުން 60 އަހަރުގެ ކަޕިލަ ޗަންދްރަސޭނާއަކީ 2015 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް ސްރީލަންކަން އެއާލައިންސްގެ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ2013 ވަނަ އަހަރު ސްރީލަންކަން އެއާލައިންސްއަށް 2.3 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި 10 އެއާބަސް ބޯޓު ގަތުމުގެ މުއާމަލާތުގެ ތެރެއިން ދެ މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތު ނެގި ކަމަށެވެ.
ލަންކާގެ ގައުމީ އެއާލައިނަށް ވަމުންދާ މާލީ ގެއްލުން މިދިޔަ އަހަރުގެ މާޗު މަސް ނިމުނު އިރު ވަނީ 596 ބިލިއަން ރުޕީސް (1.9 ބިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. އަދި އެ އެއާލައިން ވިއްކާލަން ކުރި މަސައްކަތް ވެސް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;