ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ކުށަކަށް މަގުފަހިވެދާނެކަމެއް ކަމަށެވެ.
މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމްގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ލާރި ހޯދުމަށް އެކައުންޓް ދީ" ކަހަލަ ކަމަށް ބުނާ އިޝްތިހާރުތައް އިތުރުވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ އެކައުންޓަކީ އަމިއްލަ އެއްޗެއް ކަމަށާއި ބޭންކް އެކައުންޓާއި، އޭގެ ޕިން އަދި އޯޓީޕީއަކީ އެހެން މީހަކަށް ދީގެންވާނެ އެއްޗެއް ނޫން ކަމަށެވެ.
ބޭންކު ކާޑު ނުވަތަ އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިން ކަހަލަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މަހްރޫމްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ފުލުހުން ހަނދާންކޮށްދިނެވެ.
އެ މީހެއްގެ އެކައުންޓް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތެއްގެ ޒިންމާ ނަންގަން ޖެހޭނީ ސީދާ އެކައުންޓުގެ ވެރިފަރާތުން ކަމަށް ފުލުހުން ބުންޏެވެ.
ބޭންކު އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ނަގާ މީހުންނާ މެދު ފުލުހުންނާއި މާލީ އިދާރާތަކާއި ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ދިނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;