އޭސީސީން ބުނީ މި މައްސަލައިގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. އެގޮތުން 13 ޖުލައި 2015 ގައި އެސް.އޯ.އެފްގެ ޗެކެއް މެދުވެރިކޮށް 150،000.00 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ. އަދި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްޤުތައް ސިއްރުކުރުމަށާއި، ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން މަސައްކަތްކޮށްފައިވާކަން ވެސް ތަހުޤީޤަށް ހޯދިފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
މީގެއިތުރުން ތ.އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ހޯދިފައިވާކަމަށްވެސް އޭސީސީން ބުނެއެވެ. ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސްދުވަހުގެ ތެރޭގައި ތ.އޮޅުގިރީގައި ރިޒޯޓެއް ހަދާ ތަރައްޤީ ކުރަންވާނެކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެކަންތައްތައް ފުރިހަމަކޮށްފައި ނުވާނަމަ، ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހްތިޔާރާއި އެއްބަސްވުން ބާތިިލްކުރުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ދީފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަން ތަޙުޤީޤަށް ފާހަގަވެފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށް އޭސީސީން ބުނެއެވެ. އަދި ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ހޯދާފައިވާ 150،000.00 އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާކަމަށް އޭސީސީން ބުނެއެވެ.
ތ.އޮޅުގިރި ކުއްޔަށް ދިނުމާގުޅޭގޮތުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށް މަތިކޮށްފައިވާ ކަންކަން ފުރިހަމަކޮށްފައިނުވާތީ، ތ.އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވުމަށްވެސް ނިންމާފައިވާކަމަށް އޭސީސީން ބުނެއެވެ.
މި މައްސަލައިގެ އިތުރުންވެސް އެމް.އެމް.ޕީ.އާރު.ސީ އާއި ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު މަޝްވަރާ ކުރަމުންގެންދާކަމަށްވެސް އޭސީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;