އަންނަ ޖޫން 12، ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު "އިތުބާރު" ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއިލް ވިދާޅުވީ ރަށްރަށުން އެންމެ ގިނައިން ކުރިމަތިވި ސުވާލަކީ އިންތިހާބުގެ ނަތީޖާއަށްފަހު ޕާޓީގައި ދެމިތިބޭނެތޯ ކުރާ ސުވާލު ކަމަށާއި 2023 ގެ ރިޔާސީ ޕްރައިމަރީއަށްފަހު ބަޔަކު ޕާޓީ ދޫކޮށް ދިއުމުން، މެންބަރުންގެ މެދުގައި އިތުބާރު ކުޑަވެފައިވާ ކަމަށެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، ޗެއާޕާސަން އިންތިހާބަށް ފަހު، ނަޝީދުމެން އަމަލުކުރައްވާނެ ގޮތަކާ މެދު ޕާޓީގެ މެންބަރުން މިއަދު ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ. މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;