އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް ދިވެހި ނޫސްވެރިންގެ ޖަމިއްޔާ - މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ގޮވާލައިފި އެވެ.

Advertisement
ފިޔާޒް އާއި ހަސަންގެ މައްޗަށް ކުރަނީ ގަޒްފު ކުރުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އަދަދުގެ އެޑިޓަރުންގެ ގޮތުގައި ފިޔާޒް އާއި ހަސަން ތިބެ، މުއިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް ޑޮކިއުމެންޓަރީއެއް ޕަބްލިޝްކޮށްފައިވުމެވެ. އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަން ކޯޓުން ނިންމާފައި ވަނީ ސިއްރުކޮށްގެންނެވެ.
މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސް އިދާރާތަކާއި ނޫސްވެރިންގެ މައްޗަށް ޖިނާއީ ތުހުމަތުތައް ކުރުމާއި ޖިނާއީ ތަހުގީގުތައް ހިންގައި އަދި އެ މީހުންގެ މައްޗަށް ދައުވާތައް އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިފަދަ ދައުވާތައް ނޫސްވެރިންގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އުފުލި އުފުލުން މި ޖަމްއިއްޔާ އިން ކުށްވެރިކޮށް މި ދައުވާތައް ވަގުތުން އަނބުރާ ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ. މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްތަކާއި ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތްތަކަށް ބިރު ދައްކައި ފަހަތަށް ޖެއްސުމަށް ހިންގޭ އަމަލުތަކެއް ކަމުގައި މި ޖަމްއިއްޔާއިން ދެކެމެވެ،" ބަޔާނުގައި ބުންޏެވެ.
ނޫސްވެރިންގެ މައްޗަށް ހިންގޭ މިފަދަ ހައްސާސީ ޝަރީއަތެއް ސިއްރުކޮށްގެން ގެންދިޔުމަކީ ހުދުމުހުތާރު ގައުމުތަކުގައި އަސްކަރީ ކޯޓްތަކުގައި ޝަރީއަތް ހިންގުން ފަދަ ކަމެއްގެ ގޮތުގައި އެ ޖަމްއިއްޔާއިން ދެކޭ ކަމަށް ބުންޏެވެ. މިއީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމުގެ ސިފަތައް އެނބުރި އައުން ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އެމްޖޭއޭން ބުންޏެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނުވަތަ ގެގް އޯޑަރަކީ ރާއްޖޭގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އާންމު ރައްޔިތުންގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެވޭނޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.
ކްރިމިނަލް ކޯޓުން އަމުރުގައި ވަނީ:
- މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
- ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް
- ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން
- މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ފިޔާޒު މޫސާ އާއި ހަސަނަށް ކުރާ ދައުވާތައް އަނބުރާ ގެންދިޔުމަށް ގޮވާލައި ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މިއަދު ޓްވީޓެއް ކުރައްވާފަ އެވެ.
"ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫހުގެ އޮފީސް ރެއިޑުކޮށް، މުދަލާއި ސާމާނު ހިފެހެއްޓުމާއި، ނުރުހޭ ސުވާލެއް ކުރީމައި ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މީގެކުރިން ނޫސްވެރިކަން ކުރެއްވި ނަޝީދު އެކްސްގައި ލިޔުއްވި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ މީޑިއާތަކަށް ސާކިއުލާއެއް ފޮނުވާފަ އެވެ. އެ ކޮމިޝަނުން މީޑިއާތަކަށް ރޭ ފޮނުވި ސާކިއުލާއެއްގައި ބުނީ މީޑިއާތަކުން ކޮންޓެންޓް އާންމުކުރުމުގައި ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން މީޑިއާގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އަންގާ ކަމަށެވެ.