ޑޮކިއުމެންޓްރީގެ މައްސަލާގައި ކްރިމިނަލްކޯޓުން ނެރެފައިވާ އަމުރާ ހިލާފުވިކަމަށް ބުނެ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އަދަދު ނޫހުގެ ދެ ނޫސްވެރިންކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު އެވެ.
ލީވާން ކޯޓަށްް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ. އަސި ޝަހުޒާން ކޯޓަށްް ހާޒިރުވާން އަންގާފައިވަނީ މެންދުރުފަހު 1 ޖަހާއިރަށެވެ. މި ދެ އަޑުއެހުންވެސް އެއްވެސް ފަރާތަކަށް ނުވަދެވޭގޮތަށް ސިއްރުކޮށްގެން ގެންދަން ނިންމާފައިވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތެއްކޮށް އަދަދު ނޫހުން އުފައްދައިފައިވާ ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ. އަދި އެއާއި އެކު ހުރިހާ އެންމެންގެ މައްޗަށް ކްރިމިނަލްކޯޓުން ވަނީ އަމުރެއް ނެރެފައެވެ.
އެ އަމުރުގައި ވަނީ މިމައްސަލާގައި ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ދައުވާ ކުރެވިގައިވާ ހާދިސާއާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލްކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގެ ޝަރީއަތް އާއްމުކޮށް ހުޅުވާލާ ސިއްރުކޮށްގެން ގެންދާތީ މައްސަލަގައި ހުށައާޅާގައިވާ ލިޔުންތަކާއި ޝަރީއަތުގެ ވާހަކަތައްވެސް ނުފެތުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަމުރުގައި ނުކުރަން އަންގާފައިވާކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްކަމަށް ބެލިދާނެކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުނީ ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދުމާ ގުޅިގެންނެވެ.
.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;