ads
މަރުކަޒީ ބޭންކް އެމްއެމްއޭ
ހާހޫރަ ކޮލަމް: ކާފަބެ އާއި ފިޒްކަލް ސްޓިމިޔުލައި
ކާފަބޭއާއި އޮންނަ ގުޅުމަށާއި ރައްޓެހި ކަމަކަށް ބަދަލެއް ނާދެއެވެ. ދުވާލަކު އެއްފަހަރު، ހަފޮޅުތެރޭ މައްސަލަ ބޮޑު ދުވަހެއް ވިއްޔާ ދެތިން ފަހަރު، ކާފާބޭއާއި އަނގަތަޅައިލާ، ބޭނުމެއް ނެތްހާ ވާހަކަ ދައްކާނުލުވެންޏާ ކޯ ދޮންނަންވެސް އުނދުގޫ ކަހަލައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އިސްއުފުލާ ގުޅަނީ މަގޭ ކަމަށް ވެފައި، 3 ނުވަތަ 4 ފަހަރު ގުޅިއްޔާނޫނީ އެކަލޭގެއާ ނުގުޅޭތީވެ، މިއަދު މާހެނދުނަކާ ކާފަބޭ ގުޅައިފައި އޮތުމުން ވަރަށް ކަންބޮނޑު ވުމާއެކު ކާފާބޭއާ ގުޅައިފީމެވެ.

އާދަނު" 'ކާފަބޭ، މާފަތިހަކާ، އިރުއެރީ ކިއެއްވެ؟ އަނެއްކާ ހާރު ބަތްތަވައި ވަތުގައި ހިފީތަ؟، ނިދާ އެނދުގައި މަކުނު އެޅީތަ؟ ކަމެއް ބޮޑުވީތަ؟، ނުތާކު މުލިއްސެއް ޖެހީތަ؟'

ކާަފަބޭ: 'ނޫން، ނޫން، އާދަނާ، ތިޔާކަހަލަ ކަމެއް ވިއްޔަކީ ނޫން. ހާލު އެކަންޏެއް ނޫން. ހާލާ ކުކުޅާ، އަސްދޫންޏާވެސް ހަމަރަނގަޅު'. ކާފަބޭ ބުނެދިނެވެ. "މަގޭ ގުޅާއިލީ، ކުރީދުވަހު އާދަނު ދެއްކި ވާހަކަޔަށް ރަނގަޅު ހައްލެއް ފެންނާނެ ގޮތެއް ވިސްނުމުން" ކާފަބޭ ގުޅި ސަބަބު ކިޔައިދިނެވެ.

ނަމަވެސް، ކޮންމެ ދުވަހަކު ކާފަބޭއާ އެތަކެއް ވާހަކަ ދެކެވެއެވެ. ބޮލުގާ އޮރިއަންޓަލް ބާމު އުނގުޅުމުން އިސްތަށި ފެއިބުން ހުއްޓުން، ކަނޑުމަތި އެޅުމުން ތަކުރާނުން ދުން އެޅުން ފަދަ މުހިންމު ގައުމީ ކަންތައްތަކާ މެދު ކޮންމެ ދުވަހަކުވެސް ހޫނު މަޝްވަރާތައް ކާފަބޭއާ ކުރެވޭތީ، އޭނާ އިޝާރަތް ކުރަނީ ކޮން ވާހަކަ އަކަށްތޯ އަހައިފީމެވެ.

ކާަފަބޭ: 'އާދަނު ކުރީ ދުވަހު ކީމެއްނު މީހުން ހާލުގަ ޖެހިފައި ތިބިވާހަކަ، މުސާރަ ނުލިބި، ގޭގާއި ތިބެން ޖެހިފައި ތިބި ވާހަކަ، ގޭގަ ކުލި ނުދެއްކިގެން އުޅެން ޖެހޭ ހާލުގެ ވާހަކަ.  ސީދާ ރަސްމީ ވަޒީފާއެއް ނެތް، ލަވަ ކިޔާމީހުން، ކުރެހުންތެރިން، ފޮޓޮގްރާފަރުން ފަދަ އެތައް ބަޔަކަށް އާމްދަނީ އެއް ލިބޭނޭ ގޮތެއް ނެތިފައި ތިބި ވާހަކަ. ދައުލަތުގައި ފައިސާ ނެތިގެން މީހުންނާ އަޅާ ނުލެވޭ ވާހަކަ އާއި މުއްސަނދިންވެސް ދޮރު ތަޅުލާ، ފައިސާކޮޅު ފޮރުވާ، ހޮރަށް ވަދެ ފިލި ވާހަކަ ކީމެއްނު'

އާދަނު: 'އާން! ތީ މަގޭ އެކަނި ދައްކާ ވާހަކައެއް ނޫނެއްނު. ރަނގަޅު ފިޒްކަލް ސްޓިމުއުލައި ޕެކެޖެއްގެ އެހީގައި ގިނަ ބަޔަކަށް އާމްދަނީ އެއް ލިބޭނޭ ގޮތް ހަދައި، އިގްތިސާދީ އިންޖީނު އަލުން އަނބުރަން ފެށުމުގެ ވާހަކައަކީ މިއަދު އެންމެން ދައްކާ ވާހަކަތަކެއްނު؟'

ކާަފަބޭ: 'އާން!، އާން!، ތިބުނާ ސްޓެމުލާ އެއް ހަދަން ރަނގަޅު ގޮތެއްގެ ވާހަކަ އޭ މިކިޔަނީ. ގިނަ މީހުން ތަކަކަށް ވަޒީފާ ލިބި، ގިނަ ޚިދްމަތް ތަކެއް ހިނގައިގަންނާނޭ ގޮތުގެ ވާހަކައޭ މިބުނަނީ.  މިކަމަށް ހައްލެއް ވިސްނިއްޖޭ. ފޮރުވާފައިހުރި ފައިސާކޮޅު ނެރެ، މީހުންނަށް މުސާރަ ދީ، އިގްތިސާދީ އުދުޅި އަނބުރާ ލެވޭނޭ ވިސްނުމެއް ވިސްނިއްޖޭަ'

އާދަނު: ތިޔަ ބުނާ އުނދުޅި އަނބުރަން ފެށުމޭ މިވަގުތައް އެންމެ މުހިންމީ. ތިޔެއްނު މިވަގުތު ގައުމަށް އެންމެ މުހިންމު ވެފައި އޮތް ކަމަކީ، ގިނަ ފަރާތްތަކަކަށް އާމްދަނީއެއް ލިބޭނޭ ގޮތެއް ހޯދުމެއްނު، ނާ!، ނާ! ބުނެބަލަ ކޮންފަދަ ހާހޫރައެއް، ފަންޑިތައެއްގެ ވާހަކައެއް ތިކިޔަނީ؟ އަރާ އިރާ ދިމާއަށް ރަތް ހާލެއް ކަތިލާފައި ކަނޑަށް ލޭދައްކަންވީތަ އަނެއްކާ؟

ކާފަބޭ: 'އާދަނާ ސަކަރާތް ނުގަނެބަލަ، ވަރަށް މޮޅު ގޮތެއް އެބޯތޭ. ލަވަ ކިޔުންތެރިންނަށާއި މިޔުޒިކް ކުޅޭ މީހުންނަށް އޯޑަރު ކޮށްގެން ގެނެސް ކޮންމެ ރެޔަކު ލަވަ ކިޔަން ބައިތިއްބާނޭ ގޮތެއް. ހެދިކާ ހަދައި ކޭކުފިހާ މީހުންނަށް ކޮންމެ ރެޔަކަށް ބޮޑެތި އަދަދުން އޯޑަރު ދެވޭނެ ގޮތެއް. ޒުވާނުންނަށް އެލަވަންސެއް ލިބި، ކެއުން ބުއިމާއެކު ދުވާލާ ރޭގަނޑާ މަސައްކަތުގާ އުޅެވޭނޭ ގޮތެއް. ފޮޓޯ ނަގާ މީހުންނާާއި ވެބްސައިޓް ހަދާ ފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތެއް.  ޗާޕު ކުރާ ތަންތަނަށާއި، ފޮޓޯ ކޮޕީހަދާދޭ ތަންތަނަށް އަދި ތައްގަނޑު ޖަހޭދޭ ތަންތަނަށް ލައްކައިން ފައިސާ ދެވޭނޭ ގޮތެއް ވިސްނިއްޖެ.' ކާފަބޭ ކިޔާދޭން ފެށިއެވެ.

އާދަނު: 'ތިޔާހާ މޮޅު ގޮތެއް ވިސްނިފައި އޮތިއްޔާ ބުނަންވީނު. ދުނިޔޭގެ އެއްވެސް ބަޔަކަށް ތިޔާފަދަ ވިސްނުމެއް ނައިސްގެން އުޅޭ އިރު ކާފަބެއަށް ތިޔާ އުޅެނީ ކޮންފަދަ ވިސްނުމެއްތަ؟'

ކާަފަބޭ: 'އާން!، ބުނަން އާދަނާ، މަށަށް ފެންނަނީ ކައުންސިލް އިންތިޚާބު ޖުލައި ހިސާބުގައި ބާއްވަން އަވަހަށް އިއުލާނުކުރަން.'

އާދަނު: 'ކާފަބޭ، ކަލޯ ހަމަ ރަނގަޅަށް މޮޔަވީދޯ. ރޭގައި އަނެއްކާ ހާރާ އެކު މޮޅު ގަހުވައެއް ބުއީތަ؟ ހޭހުސްވިތަ އަނެއްކާ؟' ބުއްދި ގަބޫލު ނުކުރެވިގެން އަހާލެވުނެވެ. 'ކުއްލިއަކަށް ކައުންސިލް އިންތިޚާބު އިއުލާނު ކުރުމުން ފިޒްކަލް ސްޓިމުޔުލައި ޕެކެޖެއްގެ ގޮތުގައި ވަޒީފާތައް އުފެދި، ފައިސާ ދައުރުވާން ފަށަންވީ ކިއެއްވެ؟' ހައިރާން ވެހުރެގެން އޮޅުން ފިލުވުމުގެ ގޮތުން އެހީމެވެ.

ކާަފަބޭ: 'ބަލަ އާދަނާ، މަދޮތަ މި ހޭ ހުސްވީ، އަޑު އަހާބަލަ، ކޮންމެ އިންތިޚާބަކާ ދިމާކޮށް ދައުރުވާ ފައިސާތައް އަދި ހަނދާން ނެތޭހާ ދުވަހެއް ނުވެއެއްނު. ކޮންމެ ރަށެއްގައި  ތިން ހަތަރު ހަރުގެ ހަދާ، ހަރުގެ ބަލަހައްޓަން ކުދިން ނަގާ، އެކުދިންނަށް ކެއުމާއި، ބުއިމާއި، ދުއްވާނެ ސައިކަލާއި، އެލަވަންސް ދީ ނުހަދާތަ؟ ކޮންމެ ރެޔަކު ހަރުގޭގާ ކާންހަދާ، ރަށުއެންމެންނަށް ދައުވަތުދީ ކެއުން ތައްޔާރެއް ނުކުރޭތަ؟ އަންނަ އެންމެންގެ ފޮޓޯ ނަގާ، ނުދަންނަ މީހުންގެ ފޮޓޮޔާއެކު ވެބްސައިޓްތައް ހަދައި ނުހިންގާތަ؟ ރަށުގެ ބޮޑު މަގުގަޔާއި ކުދި ގޯޅިތަކަށް އަވި ނުދޭ ވަރަށް ފޮތި ދަމާ ނުހަދާތަ؟ ބޮޑެތި އާއިލާ ތަކުގެ ގޭގަޔަށް ވަދެ، މަދުވަނީ ކޮންއެއްޗެއްތޯ ބަލައި އައާކޯން ހަރުކޮށްދީ، ފުރާޅުން ޓިނު ބަދަލުކޮށްދީ، އައިސްއަލަމާރި އާއި ދޮންނަ މެޝެން ގަނެެއެއް ނުދޭތަ؟ ކުދި އާއިލާ ތަކުގެ ފުރާޅު ސާފުކޮށްދީ ނިޔަފަތި ކަނޑާދީ ބޯކޮށާދީ ނުހަދާތަ؟'

އާދަނު: 'ކާފަބޭ ބުންޏަސް ތިމަކާ ދެކޮޅު ހެދޭކަށް ނެތް، ތިޔަ ބުނާ ހުރިހާ ކަމެއް ހަމަ ހިނގާ، އެކަމުގެ އެއީ އޭރު، މިހާރަކު ތިޔަ ބުނާ ފައިސާއެއް ނުހުންނާނެ އެއްނު؟'

ކާަފަބޭ: 'އާދަނު ދެން ހާދަ ޅައޭ. ކަލޮއަށް ހީވޭތަ، އަރިމަތީ ދޮރުން ނުކުމެ މުޅި ގައުމުގާ، ރެޔެއް ދުވާލެއް ދަންވަރެއް ނުބަލާ، ފަސްދޮޅަހުން މަތީގައި ދުއްވި ސިޔާސީ ފައިސާތައް ހުސްވެއްޖެކަމަށް. ތިޔައީ ރިސޯޓް އޯނަރުން އަތުން ފައިސާ ހުސްވެއްޖެ ކަމަށް ބުނުމަށް ވުރެވެސް ހެއްވާ، އަދި އެއްވެސް މީހަކު ގަބޫލު ނުކުރާނެ ވާހަކައެއް. ސިޔާސީ ބޭނުންތަކުގައި ބޭނުން ކުރުމަށްޓަކައި ދޮވެ ސާފުކޮށް ވަޅުލާފާ ހުރި ފައިސާ ގޯނި ތައް ބައިވަރު ހުންނާނެ. ޔަގީން. ވިޔަފާރި ބަނގުރޫޓު ވެެއްޖޭ، ދެން ދެވޭނީ 1،000 ރުފިޔާއޭ ބުނެ މުއައްޒަަފުން ހިތުގައި ޖެއްސިކަމުގައި ވިޔަސް، އިންތިޚާބެއް ކައިރުވުމުން، ހަނދާން ނެތިފައި ހުރި ކިތަންމެ ފައިސާ އެއް ފެންނާނެކަން ޔަގީން'

އާދަނު: 'ތިކަމާ ދެކޮޅު ހަދާކަށް ނުކެރޭނެ'

ކާަފަބޭ: 'މަބުނީތީ ގަބޫލު ކުރޭ. މާދަންވެސް ކައުންސިލް އިންތިހާބު އަލުން އިއުލާނު ކުރޭ. ހަފްތާއެއްގެ ތެރޭގައި ރަށުތެރޭގެ ވަޒީފާތަކަށް މީހުންނަގާ، ހަރުގެތައް ކުއްޔަށް ހިފާ، ރޭގަނޑު ހަތަރު ދަމު މިޔުޒިކާ ކަރޮއެކޭ ކުޅެ، ހަވީރުސަޔާއި ރޭގަނޑުގެ ކެޔުން ތައްޔާރުވެ، ޒުވާނުންގެ ޖީބުތައް ތިޔާގެ ވާނެ. ޔަގީން.'

އާދަނު: 'އާން ތިޔައީ ހަމަ ތިކަން ވާނެ ގޮތްދޯ'

ކާަފަބޭ: 'އާނ އާދަނާ، ފައިސާވެރިން އަތުގާ ފައިސާ ނެތީ ނިކަމެތިންނާ އަޅާލުމަށާއި، އިޖްތިމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް. ސިޔާސީ އިންތިޚާބަކަށް ތައްޔާރު ވާއިރު، އުޑުމަތިން ވިލާ ރޮއްޖެއް ފެންނަންނެތި، ބޯކޮށް ވާރޭ ވެހޭ ބީދައިން ހުއްޓާނުލާ މަތިން ފައިސާ އޮހޭނެ. އަންނަނީ ކޮންތާކުން ކަމެއްވެސް ނޭނގޭނެ. އަދި ބުނަން. އިންތިޚާބަށް ތައްޔާރު ވާއިރު ފާޅުވާ ފައިސާގެ އެތައް ގުނައެއް އިންތިޚާބު އޮންނަ ދުވަހާ އޭގެ ކުރީ ދުވަހު ފާޅުވާނެ. އައިޑީ ކާޑު ގަތުމަށާއި، ބައެެއް ކާޑު ފޮރުވުމަށާއި، ވޯޓު ފޮއްޓާއި ހަމައަށް މީހުން ގެންދިޔުމަށާއި، އަނެކާގެ ސަޕޯޓަރުން ލައްވާ ގަނޑު ފިއްލާ ކުޅުވުމަށް މިލިއަން މިލިއަނުން،  ބާރަކަށް މީހަކުގެ ނުމެލާ،  ކޯދުލާ ފޯދިގެން ފައިސާ އަރާތީ ފެންނާނެ.'

އާދަނު: 'އެހެން ގައުުމުތަކުގައި އިގްތިސާދީ މަޑުޖެހިލުމުން، ފިސްކަލް ސްޓިމުޔަލައި ގެ ގޮތުގައި، ކާފަބޭގެ ބަހުރުވައިން އިގްތިސާދީ އުނދުޅި އަނބުރަނީ ބޮޑެތި އިންފްރާސްޓްރަކަޗަ ޕްރޮޖެކްޓްތައް ހިންގައި މުޖްތަމައުގައި ފައިސާ ދައުރު ކުރުވައިގެން.  ރާއްޖޭގައި މިފަދަ ހާލަތްތަކުގައި، މުޖުތަމައުގައި ފައިސާ ދައުރު ކުރުވުމަށް  ބާއްވަންވީ  އިންތިޚާބު ތައް ދޮތަ؟' މަލާމާތަށް ކަމާ ހިތާ އަހާލީމެވެ.

ކާަފަބޭ: 'އާން! އާދަނާ، ތިޔައީ ހަމަތެދު، އަދި އެކަމަކު މަގޭ މޭ ބޮޑުވާ ކަމެއް އެބޮތް' ކަންބޮޑުވުމާއެކު ކާފަބޭ ބުނެލިއެވެ.  

އާދަނު: 'އަނހާ މަގޭ ހީކުރީ މިހަމަ އެންމެ ރަނގަޅު ގޮތް ކަމަށް، ކޮންކަމަކާ ކަންބޮޑުވަނީ؟'

ކާފަބޭ: 'މަގޭ ކަންބޮޑުވަނީ ތުއްތު، ކުޑަ ކުދިންނާ ދޭތެރޭ. ސިޔާސީ ވެރިން ވައުދާ ހިނގާ މޫސުމުގައި، ރަށުކޮންމެ ގެޔަކަށް ވަންނަން ބޭނުންވާނެ. ނުފުއްދޭހާ ނަދުރު ބުނުމަށްފަހު، ގައިން ނުކުތުމުގެ ކުރިން ގޭގައި ތިބި ކުޑަކުދިން އުރައިގެން ސެލްފީ ނަގަން ޖެހޭނެ، ވޯޓުލާ ނިމޭއިރު އެކުދިން ތިބޭނީ ނަފްސާނީ ގޮތުން އުނދަގޫ ވެފައި. އާދަނު ތިބުނާ ސްޓެމުލާ ހަދަން އަނެއްކާވެސް އެކުދިންނަށް އުނދަގޫ ކުރަން ރާވަން މަގޭ ޖެހިލުންވޭ. އެެއީ ހަމައެކަނި މަގޭ ކަންބޮޑުވުމަކީ. އެހެންނޫނީ މިއީ ހަމަ އެންމެ ރަނގަޅު ގޮތް.' މިިހިސާބަށް ބުނެފައި ކާފަބޭ ކަނޑައިލައިފިއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި މަގޭވެސް ވަރަށް ގިނައިރު އިނީމެވެ. 

އެޑިޓަރުގެ ނޯޓް

އިބްރާހީމް ޢާތިފް ޝަކޫރު އަކީ އިގުތިސާދީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅެކެވެ. މިފްކޯގެ ކުރީގެ އެމްޑީގެ އިތުރުން މަރުކަޒީ ބޭންކްގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ  އެވެ. މި ކޮލަމަކީ އާތިފް ލިޔުއްވަމުންގެންދަވާ ސިލްސިލާ ކޮލަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް