ދުނިޔޭގެ އިގުތިސާދާ މެދު މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މުދަލުގެ އަގު އުފުލުން ނުވަތަ އިންފްލޭޝަން މަތިވުމެވެ. މީގެ އިތުރުން ގައުމުތަކުގެ ދަރަނި ބޮޑުވުމާއި، މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް މަތިކުރުމުގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމަކީ ވެސް ބޮޑު ކަންބޮޑުވުމެކެވެ.
އިގްތިސޯދީ މާހިރުން އިންޒާރު ދޭ ގޮތުގައި، މިހާރު ދުނިޔެ މިދަނީ "ސްޓެގްފްލޭޝަން" އަކަށެވެ. މާނަ އިގްތިސާދީ ކުރިއެރުން މުޅިންހެން މަޑުޖެހި ވަޒީފާ ނެތް މީހުންގެ އަދަދު ގިނަވެ އިންފްލޭޝަން މަތިވުން ފަދަ މަދުން ނޫނީ ނުފެންނަ، "އިގްތިސާދު ހުއްޓުމުގެ" ހާލަތަށް ދުނިޔެ ސޮއްސާލުމެވެ.
ދުނިޔޭގެ އިގުތިސާދަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ދަރަނި ބޮޑުވުމާއި، ތަކެތީގެ އަގު އުފުލުމާއި، އަދި ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން ލަސްވުން ހިމެނެ އެވެ. އިގުތިސާދީ މާހިރުންނާއި ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ފާހަގަ ކުރާ ގޮތުގައި، ދުނިޔޭގެ އިގުތިސާދު ވަނީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ދަރަނީގެ ބުރަ ބޮޑުވެ، މާލީ ކާރިސާއަކަށް ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން އިގުތިސާދަށް ކުރާ ނޭދެވޭ އަސަރުތަކަކީވެސް މާހިރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމާއި ވިޔަފާރީގެ ހަނގުރާމަތަކުގެ ސަބަބުން، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. އެއް މިސާލަކީ ދުނިޔޭގެ ތެލުގެ ބޮޑު އިންސައްތައެއް އަދި ދުނިޔޭގެ އިގުތިސާދަށާއި ސިނާއީ ކުރިއެރުމާއި ދަނޑުވެރިކަމަށް މުހިއްމު އެތައް މާއްދާއެއް ބައިނަލް އަގުވާމީ ބާޒާރަށް ނެރުމަށް ބޭނުންކުރާ މުހިއްމު ހުރްމުޒް ކަނޑުއޮޅި "ބިރަކަށް" ވުމެވެ.
ދުނިޔޭގެ މާލީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުން، މި ނުތަނަވަސްކަމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ކުރިމަގު ލަފާކުރުމަށް އިންތިހާއަށް ދަތިވެއްޖެ އެވެ. މާލީ ހިދުމަތްތައް ފޯރުކޮށްދޭ ރޭމަންޑް ޖޭމްސްގެ އޮފިޝަލަކު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނަތީޖާއިން ފެންނަނީ ހަނގުރާމައިގެ އެންމެ މަހެއްގެ އަސަރު އެކަނި ކަމުގަ އެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނިތަކުގެ ހިންގުމުގެ ދާއިރާގެ އިސް މާހިރުން ދޭ އިރުޝާދުތައް ގައުމުތަކުގެ މާލީ ވެރިން ދިރާސާކޮށް ސަމާލުވުން މުހިންމު ކަމުގަ އެވެ. ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވި، ތެލާއި ގޭހުގެ ސަޕްލައި އާންމު ހާލަތަކަށް ނައިސްފިނަމަ، ދުނިޔޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު އިތުރަށް އުފުލި، މާލީ ނުރައްކާ ބޮޑުވެގެންދާނެ ކަމުގައި މާހިރުން އިންޒާރުދެ އެވެ.
އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ސްޕްރިންގް މީޓިންގްސްގެ ތެރެއިން އައިއެމްއެފުން ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް" ރިޕޯޓުގައި ބުނެފައިވަނީ، މިއަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ 3.1 ޕަސެންޓުގައި ކަމަށެވެ.
މިއީ ފެބްރުއަރީ 28 ގައި އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ބަދަލުހިފުމުގެ ހަމަލާތައް ދީ، ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ކުރިން، ޖެނުއަރީ މަހު ލަފާކުރި 3.3 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ.
ގައުމުތަކުން "އަމިއްލަ ހިމާޔަތް" އިސްކުރުމުގެ ސިޔާސަތުތައް ގެންގުޅެން ފެށުމުން، ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަސްއެޅި، މުދާ އުފެއްދުމުގެ އަގު ވަނީ ބޮޑުވެފަ އެވެ. މީގެ އިތުރުން، އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން، ހަކަތައާއި ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހެނީ ފަގީރު ގައުމުތަކާއި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ރައްޔިތުންނަށެވެ.
އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި، އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވީ ހަކަތައިގެ އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޗެއިންއަށް އަންނަ ބުރޫތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރިމަތިނުވެ ނުދާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ނިކަމެތި މީހުންނަށާއި، މިފަދަ ކާރިސާތަކުން އަރައިގަތުމަށް ބަޖެޓުގެ ތަަނަވަސްކަން ނެތް ފަގީރު ގައުމުތަކަށް މިކަމުގެ ސަބަބުން ކުރާނެ އަސަރު ބޮޑުވާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ގޮވާލެއްވީ އަގުތައް ކޮންޓްރޯލް ކުރުމާއި، ސަބްސިޑީ ދިނުމާއި ނުވަތަ މުދާ އެކްސްޕޯޓްކުރުން ކޮންޓްރޯލްކުރުމުގެ ބަދަލުގައި، ސަރުކާރުތަކުން "ހަރުކަށި، ސީދާ އަމާޒެއް އޮތް، އަދި ވަގުތީ ފިޔަވަޅުތަކެއް" އެޅުމަށެވެ.
ދުނިޔޭގެ އިގުތިސާދު ރަނގަޅު ކުރުމަށްޓަކައި ސްޓްރަކްޗަރަލީ ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހެ އެވެ. މީގެ ތެރޭގައި ޑިޖިޓަލް ޓެކްނޮލޮޖީއަށް އިންވެސްޓުކުރުމާއި، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކަށް ބަދަލުވުން ހިމެނެ އެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން އާ ވަޒީފާތައް އުފެދި، އުފެއްދުންތެރިކަން އިތުރުވެގެންދާނެ އެވެ. މާލީ ދަތިކަމުން އަރައިގަތުމަށް ގައުމުތަކުގެ ލީޑަރުންނަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، "ސިޔާސީ" އިސްރާފުތައް ނައްތާލުމެވެ. މީގެ އިތުރުން، ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީއަށް އިންވެސްޓުކޮށް، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ ދިގު މުއްދަތެއްގައި ގައުމުތަކުގެ މާލީ ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ އޭއެފްޕީއަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ހަނގުރާމައާ ގުޅިގެން އަޅާ ފިޔަވަޅުތަކުން އިގްތިސާދަށް އިތުރު ގެއްލުމެއް ވެގެން ނުވާނެ ކަމަށް. - ފޮޓޯ: އޭއެފްޕީ
އައިއެމްއެފްގެ ވެރިޔާ ވަނީ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ލަފާކުރާ މިންވަރު ދަށްކުރާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
މާލީ ހަމަޖެހޭ އުސޫލަކާ އެކު މިފަދަ ހާލަތްތަކާ ކުރިމަތިލުމަކީ އުނދަގޫ ކަމަކަށް ވިޔަސް، އެކަން ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަކެތީގެ އަގުތައް އުފުލި، ދުނިޔޭގެ އިގްތިސާދު "މަގުން ކައްސާލަފާނެ" ކަމުގެ އިންޒާރުތަކާއި އެކު، ދުނިޔޭގެ އިގުތިސާދާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ހަގީގީ ހައްލަކީ ބައިނަލް އަގުވާމީ ގުޅުން ބަދަހި ކުރުމެވެ. ގައުމުތައް ގުޅިގެން ވިޔަފާރީގެ ހުރަސްތައް ނައްތާލުމާއި، ދަރަނީގެ ދަތިކަން ކުރިމަތިވެފައިވާ ގައުމުތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެއާއެކު، ސިޔާސީ މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކޮށް، ހަނގުރާމަތައް ހުއްޓުވުމަކީ ދުނިޔޭގެ އިގުތިސާދު އާރާސްތު ކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
މިފަދަ ފިޔަވަޅުތަކާއެކު، ދެމެހެއްޓެނިވި އިގުތިސާދީ ކުރިއެރުމެއް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. މިއީ އެންމެނަށް ވެސް ދަތި އެންމެނަށް ވެސް ގެއްލުމުގެ ދުވަސްވަރެކެވެ. މިއަދު ވަކި ގައުމެއްގެ ގެއްލުން ކުޑަކުރަން އުޅުމުގެ ބަދަލުގައި ރަނގަޅުވާނީ އެންމެން ގުޅިގެން އެންމެންގެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;