ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކިއުބާ ގެ ރައީސްގެ އޮފީހުގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ސަފީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ކިއުބާ ގެ ރައީސް އާއި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރުމަށް، ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ސަފީރު ވިދާޅުވިކަމަށްވެސް ފޮރިންް މިނިސްޓްރީން ބުނެއެވެ.
ކިއުބާގެ ރައީސްގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ރާއްޖެއިން ދޭ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ކިއުބާ ގެ ޤައުމީ ބަތަލްގެ ޝަރަފުގައި، އެ ޤައުމު ގެ "ޕްލާޒާ ޑި ލަ ރިވޮލިއުޝަން" ގައި ހުންނަ ހޯސޭ މާޓީ ބިނާގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު، އަބްދުލްގަފޫރު މުހައްމަދު ބައިވެރިވެވަޑައިގެންނެވިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހަވާނާގައި ސިއްްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް ސަފީރު ބައްދަލުކުރެއްވިކަމަށް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖެ އާއި ކިއުބާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކޮށްފައިވަނީ 19 ޖެނުއަރީ 1977 ގައެވެ. ސިއްހީ ދާއިރާއިން ކިއުބާއިން ދިވެހިރާއްޖެއަށް ގިނަގުނަ އެހީތެރިކަން ލިބެމުންދާކަމަށާއި އޭގެ ތެރޭގައި ކިއުބާ ގެ ޑޮކްޓަރުންގެ އެހީ އާއި ރާއްޖޭގެ ޑޮކްޓަރުން ތަމްރީނުކުރުމުގެ (ދިވެހި ދަރިވަރުންނަށް ސްކޮލާޝިޕްގެ) ފުރުސަތުތައް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ސަފީރު ޢަބްދުލްގަފޫރު މުހައްމަދު އަކީ ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ދިވެހިރާއްޖެއިން ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ވެސްމެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;