ވ. އަތޮޅުގައި ޑައިވިންނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު 5 ޓޫރިސްޓުންގެ ތެރެއިން މިހާތަނަށް ފެނުނީ އެންްމެ މީހެކެވެ. އެ މީހާ މަރުވެފައި އޮއްވާ ފެނުނީ 60 މީޓަރު އަޑީގައި ކޭވް އެއްގެ ތެރޭގައި ކަމަށާއި އަނެއް ހަތަރު މީހުންވެސް ވީ 200 ފޫޓް ދިގު އެކޭވްގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ އެމީހުން ހޯދުމަށް ކުރާ މަސައްކަތަކީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްްކަމަށެވެ.
މި ފަތުރުވެރިން ހޯދުމަށް ސިފައިން ކުރަމުން އަންނަ މަސައްކަތް ބައްލާވާލެއްވުމަށް ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެގޮތުން، ކަމާބެހޭ ފަރާތްތަކުން އެސަރަހައްދުގައި ގާއިމުވެތިބެގެން މީހުން ހޯދައި ސަލާމަތްކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު ރައީސް ހޯދެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކިއެކި މަސްއޫލުވެރިންނާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު މަސައްކަތުގައި އެފަރާތްތަކަށް ބޭނުންވާނެ އެންމެހައި ކަންކަން ހަމަޖައްސަވައިދެއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން އެއްބާރުލުންދެއްވައި އެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވައި، މި މަސައްކަތުގައި އުޅުއްވާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޑއިވަރުން ގެއްލުނު ސަރަހައްދު
އިޓަލީގެ ފަތުރުވެރިން ޑައިވްކުރަން ފޭބި ފުންމިނަކީ ޕްރޮފެޝަނަލް ޑައިވަރުން ނޫނީ ދިޔުން ހުއްދަ ނޫން ފުން މިނެއްކަމަށް ރާއްޖޭގެ މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމު ވަނީ ބުނެފައެވެ. އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކޭވް ވަން ހިސާބަކީވެސް 58 މީޓަރުގެ ފުން ހިސާބެއްކަމަށެވެ. އަދި ރިކްރިއޭޝަނަލް ޑައިވަރުންނަށް 58 މީޓަރުގެ ފުންމިނަކީ ހުއްދަ އޮންނަ ސަރަހައްދެއް ނޫން ކަމަށެވެ. އެއީ ވަރަށް އެޑްވާންސް ޓެކްނިކަލް ޑައިވިން ހިމެނޭ ފުންމިނެއްކަމަށްވެސް ޝަފްރާޒް ވަނީ ބުނެފައެވެ.
ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ފުރަތަމަ ޑައިވް ކޮށްފައިވާ ކަމަށާއި އެކަމަކު އެ މީހުންގެ ނިޝާނެއް މިހާތަނަށް ނުފެންނަ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ޑައިވްގައި އެ ކޭވް އެންޓްރެންސްއާ ހަމައަށް ގޮސް އެ ތަނުގައި ބެލޫންސް ލާ އަދި ކޭވް އެތެރެއަށް ވަދެ ވަކި ހިސާބަކަށް ދަތުރުކުރި ކަމަށް މުންދު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;