އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.
ރޭ ބޭއްވި ކުރީގެ ތިން ރައީސުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލެއްގައި ސޯލިހު ވަނީ މީކާއިލްއަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުވެފައިވަނީ ނަޝީދުގެ ފަޅި އާއި އިބޫ ފަޅީގެ ވާދަވެރި ކަމަކަށެވެ. މީކާއިލްގެ ފަހަތުގައި އިބޫގެ ގާތް ބޭފުޅުންނާއި އެމަނިކުފާނުގެ ޓީމު މަސައްކަތް ކުރެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.
ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;