ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ސޯލިހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަދީބު މިނިވަންކުރި މައްސަލައާ ގުޅިގެން ސުވާލު އަމާޒުވުމުން ރައީސް ސޯލިހު ވިދާޅުވީ އަދަބަށް ލުއި ހޯދުމަށް ރައީސުންނާ ހިސާބަށް ގާނޫނުގައިވާ ގޮތުގެ މަތިން މައްސަލަ އައުމުން، ބަލާފައިވާނީ ގާނޫނާ އެއްގޮތަށް އެ ލުއި ދެވެން އޮތްތޯ ކަމަށެވެ.
އެގޮތުން، އަދީބުގެ މައްސަލައިގައިވެސް ކަން ކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އެހެން މީހުންނަށް ވެސް ޖިނާއީ ކުށްތަކަށް ލުއި ދީފައި ހުންނާނެ ކަމަށާއި އަދީބަށް ވެސް ލުއި ދިނީ ގާނޫނުން ލިބިދޭ ފުރުސަތުގެ ތެރެއިން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
ސޯލިހު ވިދާޅުވީ އެއީ ގޯސް ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ މައާފަށްވެސް އެދިވަޑައިގަންނަވަން ނުޖެހޭ ވަރު ކަމެއް ވެސް ނޫން ކަމަށެވެ.
އޭރު އަދީބާއި އަބްދުﷲ ޒިޔަތަށް ޖަލު ހުކުމުން ލުއި ދިނުމާއެކު އިބޫއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. މިއީ އެ ފާޑުކިޔުންތަކަށް ސީދާ ގޮތުން ސޯލިހު ޖަވާބެއް ދެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ސޯލިހު އަދީބް މިނިވަންކުރުން ދިފާއު ކުރެއްވިއިރު ރޭ ޝޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ވަނީ ތިން ރައީސުން ބައްދަލުކުރެއްވި ފޮޓޯއެއް ހިއްސާކުރައްވައި ރައްދު ދެއްވައިފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ އަދީބަށާއި އަބްދުﷲ ޒިޔަތުއަށް، ރައީސް ސޯލިހު މައާފު ދެއްވީ، އެމަނިކުފާނުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް، 2023ގައެވެ. ރައީސް ސޯލިހު 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގަ އެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ސޯލިހުވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;