ads
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް - ފޮޓޯ: ހައުސިން މިނިސްޓްރީ
ބީއެމްއެލްގެ ސުކޫކަށް ބޭރު އިންވެސްޓަރުންގެ ޝައުގުވެރިކަން!
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާއިރު އަދި އެކަމަށް ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
Advertisement

މިދިޔަ މަހުގެ 29 އިން މޭ މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްދިޔަ "ނޮން-ޑީލް ރޯޑް ޝޯ" ސިލްސިލާ ބައްދަލުވުންތައް ބާއްވާފައިވަނީ ދުނިޔޭގެ މާލީ މަރުކަޒުތައް ކަމަށްވާ ސިންގަޕޫރު، ހޮންކޮންގް އަދި ލަންޑަނުގަ އެވެ.

މި ރޯޑްޝޯގެ މައިގަނޑު ބޭނުމަކީ ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމާއި، ރާއްޖޭގެ އިގުތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަކުރުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ބޭންކުން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 594 މިލިއަން ޑޮލަރަށް އަރަ އެވެ. އަދި މި އަހަރުގެ ޖެނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އެކަނިވެސް 35 މިލިއަން ޑޮލަރު ވަނީ މި ދާއިރާއަށް ދޫކޮށްފަ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއީ ކާމިޔާބު ރޯޑް ޝޯތަކެއް ކަމަށެވެ.

އެ ރޯޑް ޝޯގައި އެޕޮއިންޓްމަންޓު ހައްދައިގެން ސިންގަޕޫރު، ލަންޑަން އަދި ހޮންކޮންގްގެ ބޮޑެތި އިންވެސްޓަރުންނާ ބައްދަލުކުރިއިރު، ޔޫއޭއީގެ އިންވެސްޓަރުންނާ ވާޗުއަލްކޮށް ވަނީ ބައްދަލުކޮށްފަ އެވެ. ޝަރީފް ވިދާޅުވީ އެ ހުރިހާ ފަރާތްތަކުން ވެސް ބަލަނީ ބީއެމްއެލް އާއި އެ ބޭންކުގެ ބެލެންސް ޝީޓު ވެސް ވަރަށް ރަނގަޅު ކަމަށެވެ.

"ހަމަ ވަރަށް ރަނގަޅު އެ ބޭފުޅުންގެ ޝައުގުވެރިކަން ހުރި ގޮތް. އަޅުގަނޑުމެންނަށް ލިޔުމުން ވެސް ލިބިފައި އެބަހުރި އެ ބޭފުޅުން މީގައި އަޅުގަނޑުމެންގެ ސުކޫކަށް ހުޅުވާލީމަ ބައިވެރިވެ، އިންވެސްޓު ކުރާނެ ކަމުގެ ޔަގީންކަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ހިއްސާގެ ބާޒާރަށް ނުކުންނަން މަސައްކަތް ފަށާފައިވާ ކަމަށް ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ނޫސް، ބްލޫމް ބާގް އިން  ވެސް މި ފަހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ ނޫހުން ރިޕޯޓްކުރި ގޮތުގައި ބީއެމްއެލްއިން އެ މަސައްކަތް ފެށީ މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރުން ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ގެއްލުމުން އަރައިގަތުމަށް އެކަމުން އެހީތެރިކަން ލިބޭތޯ އެވެ. 

ބީއެމްއެލްގެ ޑިރެކްޓަރް ފޯ ފައިނޭޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން  އަބްދުﷲ ހަސަން ބްލޫމްބާގަށް ވިދާޅުވިކަމަށް އެ ނޫހުން ބުނި ގޮތުގައި އޭޝިއާ އާއި މެދުއިރުމައްޗާއި ޔޫރަަޕްގެ ފަންޑް މެނޭޖަރުންނާ އެކު ބީއެމްއެލް އިން ބައްދަލުވުންތައް ބާއްވަމުން އަންނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކަށް ޝައުގުވެރިކަން ހުރި ގޮތެއް ބަލާށެވެ. 

އަބްދުﷲ ހަސަންއާ ހަވާލާދީ ނޫހުން ބުނި ގޮތުގައި ބީއެމްއެލް އިން 300 މިލިއަން ޑޮލަރުގެ ސުކޫކް ވިއްކާނީ ދިވެހި ސަރުކާރުން ދޭ ގެެރެންޓީއާ އެކުގަ އެވެ. އެކަަމަށް ބާއްވަން ޖެހޭ ބައްދަލުވުންތައް ބާއްވަން ބީއެމްއެލް އަށް އެހީތެރިވެދެނީ ދުބާއީގައި މަރުކަޒުކޮށްފައިވާ މަޝްރިގް ބޭންކް ޕީއެސްސީ އިންނެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިހާރު ބިނާވަނީ ޓޫރިޒަމް އިންޑަސްޓްރީއަށް ކަމަށް ވާއިރު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ އިންޑަސްޓްރީއަށް ވަނީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެއީ ދަތުރުފަތުރަށް ބުރޫ އެރުމާއި ތެލުގެ އަގުބޮޑުވުމުގެ ސަބަބުންނެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް މި ގޮންޖެހުންތައް ކުރިމަތިވެފައި ވާއިރު ބީއެެމްއެލް އަކީ އެ އިންޑަސްޓްރީއަށް ގިނަ އަދަދެއްގެ ފައިސާ ދޫކުރާ ބޭންކެކެވެ.

ބީއެމްއެލުން ވަނީ މިދިޔަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލް ކޮށްފަ އެވެ. އެ އަހަރު އެ ބޭންކުން ހޯދާފައިވާ ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރި މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާ އެކެވެ.

ބައިނަލްއަގުވާމީ މާލީ ބާޒާރަށް ބީއެމްއެލްއިން ނުކުންނަން މަސައްކަތް ކުރާއިރު، މޫޑީސްގެ އެނަލިސްޓް ފާހަގަކުރެއްވި ގޮތުގައި:

  • ސަރުކާރަށް ސީދާ ބައިނަލްއަގުވާމީ މާކެޓުން ފައިސާ ހޯދުމަށް މިވަގުތު ހުރަސްތަކެއް އެބަހުރި 

  • އެއީ އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ޕްރީމިއަމްއެއް ސްކޫކް ވިއްކަން ޖެހޭނެތީ

މީގެ ކުރިން 2024 ވަނަ އަހަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމަށްފަހު، ސަރުކާރުން އަންނަނީ ރިޒާވް ރަނގަޅުކުރުމަށް އިސް ނަގައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

ރިޒާވް ރަނގަޅުވި ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކެއް ރީފައިނޭންސް ކުރުމުގެ ބަދަލުގައި ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްގެން ސްކޫކް އަނބުރާ ދައްކައި ހަލާސްކޮށްފަ އެވެ. ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެގެން އުޅެނީ އެއަށް ފަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;