ތިރީސް އަހަރުގެ ވެރިކަން ބަދަލު ކުރީ އަދުލުވެރި ވެރިކަމެއް ނެތް ވެރިކަމެއް ކަމަށް ބުނެ އެވެ. އޭރު އަމަލު ކުރި ގާނޫނު އަސާސީން އުފަންކޮށްފައިވާ ފަނޑިޔާރުގެ އާއި އޭރު އޮތް ފުލުހުންގެ ހިދުމަތަކީ، އަދުލުވެރި ޝަރީއަތެއް ލިބެން އޮތް ހުރަހެއް ކަމަށް ވިސްނައިދިނެ އެވެ. އަދި އޭރު އޮތް ފުލުހުންގެ ހިދުމަތަކީ ހަމަހަމަކަން ގެއްލުވާލާފައިވާ އަނިޔާވެރި އަމަލުތައް ހިންގާ އަދި ހުދުމުހުތާރުވެރިޔާ އަންގާ އެންމެހާ ކަންކަން ކުރާ ތަނެއް ކަމަށް ބުނެ، އެއީ ހަގީގަތެއްކަން ރައްޔިތުންނަށް ވިސްނައިދިނުމަށް ފަހު އެ ވެރިކަމާއި އޭރު އޮތް ގާނޫނު އަސާސީ ވެސް ބަދަލު ކުރި އެވެ.
އެ ބޮޑު ބަދަލަކާއެކު އާ ގާނޫނު އަސާސީއެއް ހޯދައި އެއަށް އަމަލު ކުރަން ފެށިތާ 17 އަހަރު މާޒީ ވެއްޖެ އެވެ. މިއަދުގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ އިންސާފުވެރި ޝަރީއަތެއް ނުހިންގާ ކަމެވެ. އަދުލުވެރި ހުކުމަކަށް ފަނޑިޔާރުން ވާސިލުނުވާކަމުގެ ޝަކުވާ އެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޯޓުތަކާއި ފުލުހުންގެ މުއައްސަސާއަކީ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަކީ މިއަދު ގައުމަށް ބޭނުންވެފައިވާ މުހިންމު ބަދަލެކެވެ.
ހިންގުމުގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ބޭފުޅަކު ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއް ހޯދަން ދިވެހި ފެށި ދިގު ދަތުރަށް އެތައް އަހަރެއްވެގެން ދިޔަ އިރު ވެސް މައިގަނޑު ޝަކުވާއަށް ނިމުމެއް އަންނަ މަންޒަރު ވެސް އަދި ވާހަކަތަކުގެ އަޑު ވެސް ނީއްވޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަން ނިމިގެން 18 އަހަރަށް ދާއިރު ވެސް އަދި ވެސް އޮތީ ހަމަ އެ ޝަކުވާ އާއި އެ ތުހުމަތުކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ވެރިކަން ލިބުމާއެކު އެ މީހުން ގަބޫލު ކުރަނީ މި ގައުމަކީ އެ މީހުންގެ ގައުމެކޭ އިންސާފު ލިބެންޖެހޭނީ އެ މީހުންނަށޭ އެ މީހުން ކުށެއް ނުކުރާނެ އެވެ. އަދި އަބަދު ވެސް ކުށް ކުރާނީ އަދި ކުށްވެރިވާން ޖެހޭނީ ވެރިކަމުގައި ނެތް މީހުން ކަމަށް ވެރިކަމުގައި ތިބޭ މީހުން ދެކޭކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހަލާލު މަސައްކަތެއް ނުކުރެވޭ އަދި އެހާ ބޮޑު ހަރަދެއް ކުރަންޖެހޭ ފަނޑިޔާރުގެ އާއި ފުލުހުންގެ ހިދުމަތެއް މި ރާއްޖޭގައި ހިނގަހިނގާ އޮންނަށްޖެހުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ފަނޑިޔާރުގެ އާއި ފުލުހުން ދެކެ ބިރު ގަންނަން ޖެހޭ ސަބަބެއް ރައީސުލްޖުމްހޫރިއްޔާއަށް ނެތުމެވެ.
އަބަދުވެސް ބިރުން އުޅެންޖެހެނީ އާ ގާނޫނު އަސާސީން ގާއިމު ކުރި ކަމަށް ކިޔާ މިނިވަން ފަނޑިޔާރުގޭގައި އިންނަ ފަނޑިޔާރުންނާއި ވަކި ގާނޫނަކުން ވަކި ހިދުމަތެއްގެ ގޮތުގައި އުފަންކޮށްފައިވާ ޕޮލިސް ކޮމިޝަނަރާއި ފުލުހުންގެ ވަޒީފާ އަދާ ކުރާ މީހުންނެވެ.
އެންމެ ފަސް އަހަރަށް ގައުމު ހިންގުމާ ހަވާލުވާ ރައީސަކު ބޭނުން ވެއްޖެ ހިނދެއްގައި، އެތައް އަހަރެއް ވަންދެން ހިދުމަތުގައި ތިބި ފަނޑިޔާރުންނާއި ފުލުހުން، އެ މީހުންގެ ވަޒީފާއިން ވަކިކޮށް އެއްލާލެވޭގޮތަށް، ރައީސުލްޖުމްހޫރިއްޔާއަށް ފަހިވެފައިވާ ބާރު ނަހަމަގޮތުގައި ބޭނުން ކުރުން ހުއްޓުވައިގެން ނޫނީ ފަނޑިޔާރުންނާއި ފުލުސް އޮފީސް މިނިވަނެއް ނުކުރެވޭނެ އެވެ.
ރައީސްގެ "ބާރުން" މި ދެ މުއައްސަސާއަށް މީހުން ލުމާއި ވަކި ކުރުމަށް އޮތް ފުރުސަތު ބަންދުކޮށް، އެންމެ ކުޑަ މިނުން ސުޕްރީމްކޯޓާއި ފުލުހުންގެ މުއައްސަސާއަށް މީހުން އައްޔަނު ކުރުމާއި ވަކި ކުރުމުގެ ފަހު ބަސް ބުނުމުގެ ފުރުސަތު ސީދާ ރައްޔިތުންނަށް ދީގެން ނަމަވެސް ސިޔާސީ އަޅުވެތިކަމުން ސުޕްރީމް ކޯޓާއި ފުލުހުންގެ މުއައްސަސާ މިންޖު ކުރަން ނުވޭތޯ އެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވާން ފުލުހުން ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ. - ފޮޓޯ: ފުލުހުން
ފުލުހުންގެ އިދާރާ ހިންގުމުގައި ހުރި ގޯސްތަކުގެ ވާހަކަ އާއި ޝަރުއީ ދާއިރާގައި ހުރި ގޯސްތަކުގެ ވާހަކަ އެތައް ދުވަހެއް ވަންދެން ދެކެވުނަސް، އެ ބަދަލު ގެންނަންވީ ގޮތުގެ އެންމެ ރަނގަޅު އަދި ރާއްޖެއާ ގުޅޭނެ ފޯމިއުލާއެއް މިހާތަނަކަށް ހޯދިފައެއް ނުވެ އެވެ.
ނަމަވެސް "އެދޭ ރާއްޖެ" ހަރަކާތުން މިފަހުން ވަނީ ފުލުހުންގެ އިދާރާގެ އިސްވެރިންނާއި ކޯޓުތަކުގެ ފަނޑިޔާރުންގެ އުޅުމާއި އަހްލާގު އިސްލާހު ކުރުމަށް މި ދެ މުއައްސަސާއަށް ގެންނަންވީ ބަދަލުތަކެއް ރައްޔިތުންގެ ހިޔާލަށް ދޫކޮށްލާފަ އެވެ.
އެގޮތުން ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ މިނިވަން، މުސްތަގިއްލު ޝަރުއީ ދާއިރާއެއް ކަށަވަރުކޮށްދިނުމަށް އެދޭ ރާއްޖެ ކަރުދާހުގައިވާ ހުށައެޅުމަކީ ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް
ނަތީޖާ:
ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން
ޝަރުއީ ދާއިރާ އާއި ފުލުހުންގެ އިދާރާގެ މިނިވަންކަން ކަށަވަރުވުމަކީ އެ ދާއިރާއަށް ރައްޔިތުންގެ އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. ކޯޓުތަކާއި ފުލުސް އޮފީހަކީ ހަމައެކަނި ވަކި ބަޔަކަށް އިންސާފު ހޯދައިދޭ ތަންތަނުގެ ބަދަލުގައި، އާންމު ރައްޔިތު މީހާއަށްވެސް ހަމަހަމަކަމާއެކު އިންސާފު ލިބޭނެ ތަންތަންކަމުގެ ޔަގީންކަން އޮންނަންޖެހެ އެވެ.
މީގެ އިތުރުން، މުއައްސަސާތަކުގެ ހިންގުން ހަރުދަނާވެ، ސިޔާސީ ނުފޫޒުން މިންޖުވުމަކީ ގައުމުގެ ކުރިއެރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފުލުހުންގެ ހިދުމަތާއި ކޯޓުތަކުގެ މަސައްކަތްތަކަށް ސިޔާސީ ފަރާތްތަކުން އަތްބޭނުމުގެ ފުރުސަތު ހަނިވެ، އެ މުއައްސަސާތަކަކީ ހަމައެކަނި ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަނަށް ހެދުމުން، މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދާނެ އެވެ. ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުން އެއްބަސްވާ، ގާބިލު އަދި ތައުލީމީ ބަޔަކު މުއައްސަސާތަކުގެ އިސްމަގާމުތަކުގައި ތިބުމަކީ، ވަކި ފަރާތަކަށް ނުޖެހި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމަށް މަގުފަހިވާނެ ކަމެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ތަސައްވުރު ކޮށްދީފައިވަނީ ހުރިހާ ބާރުތަކެއްގެ އަސްލަކީ ރައްޔިތުން ކަމެވެ. އެހެންކަމުން، ރައްޔިތުންގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަކީ ދައުލަތުގެ އެންމެ އިސް ވާޖިބެވެ. ސިޔާސީ މީހުންގެ ނާޖާއިޒު ނުފޫޒުން ކޯޓުތަކާއި ފުލުހުންގެ މުއައްސަސާ މިނިވަންކޮށް ސީދާ ރައްޔިތުންގެ ބާރުވެރިކަން އޮންނަ ގޮތަށް ބަދަލު ކުރުމަކީ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.
އަދި ގައުމު ހިންގަން ހަވާލުވާ ސަރުކާރުތަކުން ނާއިންސާފުން ހިންގާ ކަންކަން ހަމަނުޖެހުމަކަށް ނުގޮސް ފުލުހުންނާއި ކޯޓުގެ ތެރެއިން ހުއްޓުވަން ހުޅުވޭ ބޮޑު ދޮރެކެވެ. އޭރުން ރައީސް ވެސް އަދި މަޖިލީހުން ވެސް ދެން ތިބި ސިޔާސީ މީހުންގެ ދެކެ ބިރުން އުޅެން ޖެހިފައިވާ ކޯޓާއި ފުލުހުންގެ މުއައްސަސާ ދެކެ އެ މީހުން ބިރު ގަންނަ ހިސާބަށް ގޮސް، އިންސާފުން ބޭރުން ކަންކަން ކުރުވާ މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމަށް ކޯޓާއި ފުލުހުންނަށް އޮތް ހުރަސްތައް ނެތި ގޮސް އަދުލުވެރި މުޖުތަމައުއެއް ލިބިގެންދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;