ގައުމީ ގުރްއާން މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވާން ހުޅުވާލި ފުރުސަތު ރޭ ވަނީ ހަމަވެފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މުބާރާތުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ހަމަވިިރު މުބާރާތުގައި 3053 ބައިވެރިން ބައިވެރިވެފައިވާކަށެވެ.
މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅު ތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގަ އެވެ.
ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެ އެވެ.
ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން 80 ޕަސެންޓަށް ވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ. ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން 85 އިންސައްތަ އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.
ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;