މި ދުވަސްވަރު އެއްވެސް ދަތުރެއް ކުރާނަމަ އަންގަންޖެހޭ ފަރާތްތަކަށް އަންގާފައި ނޫނީ ކަނޑަށް ނުނިކުތުމަށް ދިވެހި ސިފައިންގެ އިލްތިމާސްކޮށްފިއެވެ.

Advertisement
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތުން ދަތުރުކުރާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސް ސިފައިން ވަނީ އެދިފައެވެ.
އޭގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.
ދަތުރުކުރާ ފަރާތްތަކުން ލައިފްޖެކްޓްއަޅައި، އިތުރަށް ސަމާލުވުމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.